ވިޔަފާރި

ޖަޕާނާއި އެމެރިކާއިން މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް!


އެމެރިކާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރުމަށް ޖަޕާނުގެ ޤާނޫނު ހަދާ މަޖިލީހުން ރުހުން ދީފިއެވެ.

ޖަޕާނާއި އެމެރިކާއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ދެ ޤައުމުން އެއްބަސްވެފައިވަނީ މީގެ 2 މަހެއްހާ ދުވަސްކުރިންނެވެ. ނަމަވެސް މިހާތަނަށް އެއްބަސްވުމުގައި ސޮއިނުކޮށް އޮތީ ޖަޕާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރުހުން ލިބެންދެނެވެ. ޖަޕާނުގެ ޤާނޫނު ހަދާ މަޖިލީހުން އެއްބަސްވުމަށް ރުހުން ދީފައިވާއިރު، އަންނަމަހުގެ 1 ވަނަ ދުވަހުން ފެށިގެން މިއެއްބަސްވުމަށް އަމަލުކުރަން ފަށާނެކަމަށް ޚަބަރުތައް ބުނެއެވެ.

އެމެރިކާއާއި ޖަޕާނާ ދެމެދު ޤާއިމްކުރާ ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން އެމެރިކާއިން ޖަޕާނަށް އެކްސްޕޯޓްކުރާ ބައެއް މުދަލުން ނަގާ ޓެރިފް ނުވަތަ ޓެކްސް ވަރަށް ބޮޑަށް ކުޑަކުރާނެއެވެ. އެގޮތުން ގެރިމަހުން ނަގަމުންދިޔަ 38.5 އިންސައްތައިގެ ޓެރިފް 9 އިންސައްތައަށް ކުޑަވެގެންދާނެއެވެ. މީގެ އިތުރުންވެސް އެމެރިކާއިން ޖަޕާނަށް އެތެރެކުރާ ދަނޑުވެރިކަމުގެ އެކި އުފެއްދުންތަކުން ނަގާ ޓެރިފްތައްވެސް ކުޑަކުރުމަށް މިއެއްބަސްވުމުގައިވެއެވެ. ޓެރިފްތައް ކުޑަކުރުމުގެ އިތުރުން އެމެރިކާއިން ޖަޕާނަށް އިތުރު އުފެއްދުންތައް އެތެރެކުުރުމުގެ ހުއްދަވެސް މިއެއްބަސްވުމުން އެމެރިކާގެ ވިޔަފާރިވެރިންނަށް ލިބިގެންދެއެވެ.

މިއެއްބަސްވުމުން ޖަޕާނަށް ލިބޭ ފައިދާތަކުގެ ތެރޭގައި އެމެރިކާއަށް އެތެރެކުރާ ބައެއް މުދަލުން ނަގަމުންދާ ޓެރިފް ކުޑަކުރުން ނުވަތަ އެއްކޮށް ކަނޑާލުން ހިމެނެއެވެ. އޭގެ ތެރޭގައި މެނުފެކްޗަރިން އަދި އިންޑަސްޓްރިއަލް އުފެއްދުންތައް ހިމެނެއެވެ.

ޚަބަރުތައް ބުނާގޮތުން އަންނަމަހު ދެ ޤައުމުން އެއްބަސްވުމަށް އަމަލުކުރަން ފެށިނަމަވެސް، ވިޔަފާރީގެ މަޝްވަރާތައް އަދިވެސް ދެ ޤައުމުގެ ދެމެދުގައި ކުރިއަށްދާނެއެވެ. އަދި އެއް ޤައުމުން އަނެއް ޤައުމަށް އެތެރެކުރާ މުދަލުން ނަގާ ޓެރިފްތައް އަދިވެސް ކުޑަކުރުމަށް މަސައްކަތްކުރާނެއެވެ.