ވިޔަފާރި

މަސްވެރިންގެ ދުވަހުގެ ފިޝަރީޒް އެކްސްޕޯ މާދަމާ ފަށަނީ


މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޚާއްސަ ފިޝަރީޒް އެކްސްޕޯ މާދަމާ ފަށާނެއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވިދާޅުވީ، މި އެކްސްޕޯ ބޭއްވުމުގެ އެންމެ ބޮޑު މަޤްސަދަކީ މަސްވެރިކަމުގައި ބޭނުންކުރާ އެކި އާލާތްތަކާއި އުފެއްދުންތައް އެއްތަނަކުން އާންމުންނަށް ދައްކާލުންކަމަށެވެ.

މި އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލީ ނޮވެމްބަރުމަހުގެ ތެރޭގައެވެ. އެކްސްޕޯގައި މަސްވެރިކަމުގެ އެކި އުފެއްދުންތައް ވިއްކާ 14 ކުންފުންޏަކުން ބައިވެރިވެފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.

މި އެކްސްޕޯގެ ތެރެއިން މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކަށް އެމީހުންގެ އުފެއްދުންތައް އާންމުންނަށް ދައްކާލައި އެ އުފެއްދުންތަކަށް މާކެޓް ހޯދުމަށް މަގުފަހިވެގެންދާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. މި އެކްސްޕޯ އޮންނާނީ މިމަހުގެ 6 ވަނަ ދުވަހުން 8 ވަނަ ދުވަހުގެ ނިޔަލަށް ހުރަވީ ސްކޫލްގައެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް އެ މިނިސްޓްރީން މިފަހަރު ކުރިއަށްގެންދާ އިތުރު ހަރަކާތްތަކުގެ ތެރޭގައި ޒުވާނުންގެ މަސްވެރިކަމުގެ މަސް ދަތުރާއި، މަސްވެރިންގެ ފޯރަމަކާއި، މަސްކެނޑުމުގެ މުބާރާތެއްގެ އިތުރުން މަސްވެރިންގެ ދުވަހުގެ ރަސްމިއްުޔާތު ހިމެނެއެވެ.