ޚަބަރު

ޕެރޯލްގެ ޤާނޫނަށް އިޞްލާހު ގެންނަން މަޖިލީހުން ނިންމައިފި


ދިގު މުއްދަތެއް ވަންދެން ޖަލުތަކުގައި ހުކުމް ތަންފީޒްކުރަމުން އަންނަ ޤައިދީންގެ ތެރެއިން ޕެރޯލް ހައްޤުވާ ފަރާތްތަކަށް އެ ފުރުޞަތު ދިނުމަށް ޕެރޯލްގެ ޤާނޫނަށް މަޖިލީހުން އިޞްލާހު ގެންނަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ކުދި ކުދި ކުށްތަކުގައި ޖަލުތަކުގައި އެބަތިބި ކަމަށާ އޭގެތެރޭގައި ޕެރޯލް ހައްޤުވާ ފަރާތްތައްވެސް އެބަތިބިކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ޤައިދީންނާ ގުޅޭ 12 ސިޓީއެއް އެމަނިކުފާނަށް އެކި ފަރާތްތަކުން ފޮނުވާފައިވާކަމަށާއި، އެ ޤައިދީންގެ އާއިލާތަކުން ޤައިދީންނަށް ލުއިގޮތެއް ހޯދައިދިނުމަށް އެމަނިކުފާނުގެ އަރިހުގައި އެދިވަޑައިގެންފައިވާކަމަށެވެ. އަދި ޤައިދީންނާއި ގުޅޭ މި މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ދިރާސާކޮށް އެކުލަވާލި ރިޕޯޓްގައި ޕެރޯލް ހައްގުވާ 200 އަށް ވުރެގިނަ ގައިދީން އެ ހައްގު ނުލިބި މިވަގުތުވެސް އެބަތިބިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝިދު ވިދާޅުވީ ޤައިދީންނަށް ލުއި ގޮތެއް ހޯދައިދިނުމަށް އެ އާއިލާތަކުން އެދާއިރާއެއްގެ މަޖިލިސް މެންބަރު ކައިރީގައި ވަރަށް ގިނަ ފަހަރު އެދެމުންދާކަން އެނގިވަޑައިގަންނަވާކަމަށާއި، އެހެންކަމުން ޕެރޯލްގެ ޤާނޫނަށް އިޞްލާޙުތަކެއް ގެނެސް އެ ފުރުޞަތުތައް ޤާނޫނުގެ ތެރެއިން ފަހިކޮށްދޭންޖެހޭކަމަށެވެ. އަދި ޕެރޯލްގެ ޤާނޫނު އިޞްލާޙުކުރުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއާއި، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ ގުޅިގެން ކުރިއަށް ގެންދިއުމަށްޓަކައި ރައީސް ނަޝީދު ވަނީ އެކޮމިޓީތަކަށް އެ މައްސަލަ ފޮނުވާފައެވެ.

ޕެރޯލްގެ ބޯޑާ ގުޅޭގޮތުން ހިއުމަންރައިޓްސް ކޮމިޓީން އެކުލަވާލި ރިޕޯޓްގައި ޕެރޯލްގެ ފުރުޞަތު ޤައިދީންނަށް ދިނުމަށް ޕެރޯލް ބޯޑުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާކަން ވަނީ ފާޙަގަކޮށްފައެވެ. އެހެންކަމުން އެ ޤާނޫނު މަޖިލީހުން އިސްނަގައިގެން އިސްލާހުކުރުމަށް ނިންމެވީކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.