ޚަބަރު

ސްރީލަންކާގެ އައު ސަރުކާރުގެ އިސްފަރާތްތަކާއި ބައްދަލުކުރެއްވުމަށް ޚާރިޖީ ވަޒީރު ލަންކާއަށް


ސްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ފުރާވަޑައިގެންފިއެވެ.

މިނިސްޓަރ ޝާހިދުގެ މިދަތުރުފުޅުގައި ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އާއި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ސްރީލަންކާގެ ފޮރިން މިނިސްޓަރ ދިނޭޝް ގުނަވަރުދަނައާއި ބައްދުކުރައްވައި ރާއްޖެއާއި ސްރީލަންކާއާ ދެމެދުއޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްވެސްވަނީ ހަމަޖެހިފައެވެ.

މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ މިދަތުރުފުޅަކީ، ގޮތަބަޔާ ރާޖަޕަކްސަ ސްރީލަންކާގެ ރައީސްކަމުގެ މަޤާމަށް އިންތިޚާބުވުމާއި އަދި ބޮޑުވަޒީރު ކަމުގެ މަޤާމާ މަހިންދަ ރާޖަޕަކްސަ ހަވާލުވެވަޑައިގެންނެވިފަހުން ދިވެހި ސަރުކާރުގެ ވަޒީރަކު އެޤައުމަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

މިނިސްޓަރ އަބްދުﷲ ޝާހިދުގެ މިދަތުރުފުޅުގައި ސްރީލަންކާގެ ޕާލިމެންޓްގެ ރައީސް ކަރު ޖަޔަސޫރިއާ އާއި ބައެއް ވަޒީރުންނާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.