ޚަބަރު

ޝަރުޢީ ދާއިރާއަށް ރައްޔިތުންގެ އިތުބާރާއި އިޙްތިރާމް އިތުރުކުރުމުގައި ކޯޓު އޮފިސަރުންގެ ޒިންމާ ބޮޑު - ޙިސާން


ޝަރުޢީ ދާއިރާއަށް ރައްޔިތުންގެ އިތުބާރާއި އިޙްތިރާމް އިތުރުކުރުމުގައި ކޯޓު އޮފިސަރުން އަދާކުރަންޖެހޭ ޒިންމާ ބޮޑުކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރައީސް އަލްއުސްތާޛާ ޙިސާން ޙުސައިން ވިދާޅުވެއްޖެއެވެ.

ޖުޑީޝަލް އެކަޑަމީން އިންތިޒާމްކޮށްގެން ބޭއްވި ކޯޓް އޮފިސަރުންގެ ތަމްރީނު ޕްރޮގްރާމް ނިމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރައީސް ޙިސާން ޙުސައިން ވިދާޅުވީ ކޯޓު އޮފިސަރުންނަކީ ކޯޓުތަކުގެ މޫނުމަތިކަމަށެވެ. ކޯޓުތަކުން އިންސާފު ޤާއިމްކުރުން ކަމަށް ބެލެވެނީ އިންސާފުލިބުމާއި، އިންސާފުލިބޭތަން ފެނިގެންކަމަށާއި، މައްސަލައެއްގައި ހިމެނޭ ޙަސްމަކު ކޯޓަށްދާއިރު އެމީހުންނާއި ފުރަތަމަ ދިމާވާ ބަޔަކީ ކޯޓު އޮފިސަރުންކަމަށްވުމުން، ކޯޓު އޮފިސަރުން އެމީހަކާ ފުރަތަމަ މުޚާތަބުކުރާ ގޮތުންވެސް ކޯޓާމެދު ނުވަތަ މައްސަލައެއްގެ އިންސާފާހަމައަށް ވާސިލުވުމަށް މީހަކު ޤަބޫލުކުރާ ގޮތް ތަސައްވަރުކުރެވިގެންދާނެކަމަށްވެސް ޙިސާން ވިދާޅުވިއެވެ.

ޙިސާން ވިދާޅުވީ ކޯޓުން ޚިދުމަތް ހޯދާ ކޮންމެ ފަރާތަކާއިވެސް މުއާމަލާތްކުރަންވާނީ އިޙްތިރާމާއި މަޑުމައިތިރިކަމާއެކުގައި ކަމަށެވެ.

"އަޅުގަނޑު އިލްތިމާސްކުރަން، އަޅުގަނޑު އެދެން ކޯޓަށް ކޮންމެ މީހަކު، ކޮންމެ މައްސަލައެއްގައި އައިކަމުގައިވީނަމަވެސް، އެއީ ޙަސްމެއްކަމަށްވިޔަސް އަދި ޚިދުމަތެއް ހޯދަންއަންނަ މީހަކަށްވީނަމަވެސް ވަކީލެއްކަމަށްވީނަމަވެސް، އިޙްތިރާމާއެކު އެމީހުންނާ މުޢާމަލާތްކުރަން. އަދަބުވެރިކަމާއެކު މުޢާމަލާތްކުރަން. އޭރުން ރައްޔިތުން މިދާއިރާއަށްކުރާ އިޙްތިރާމާއި އިތުބާރު ބޮޑުވެގެންދާނެ" ޙިސާން ވިދާޅުވިއެވެ.

ޖޭއެސްސީގެ ރައީސްގެ ވާހަކަފުޅުގައި، ރައްޔިތުން އިތުބާރުކުރާ ދާއިރާއަކަށް ޝަރުޢީ ދާއިރާ ހެދުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނާއި ޝަރުޢީ ދާއިރާއިން ކުރާ މަސައްކަތްތަކުގައި ހަމައެކަނި އިސްކަންދެނީ ކޯޓުތަކުގެ ފަނޑިޔާރުންނާއި ޤާޟީންގެ އިތުރުން މެޖިސްޓްރޭޓުންގެ ޤާބިލުކަން ކަށަވަރުކުރުމާއި، ސުލޫކު ހިފެހެއްޓުންއެކަނި ނޫންކަމުގައި ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވީ އެކަންކަމަށް ބަލާފަދައިން ކޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަކީވެސް އެބަޔަކު މަސައްކަތްކުރާ ދާއިރާއަކުން ދާއިމަށް ތަމްރީނު ވެފައިވާބަޔަކަށް ވާންޖެހޭކަމަށް ޤާބޫލުކުރާކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި އެފަދަ މުވައްޒަފުންގެ ޤާބިލްކަމާއި ހުނަރު އިތުރުކުރުމަށް ގިނަ މަސައްކަތްތައްރޭވި ކުރިއަށްދާނެކަމަށް ހިސާން ވިދާޅުވިއެވެ.

ޖުޑީޝަލް އެކަޑަމީން އިންތިޒާމްކޮށްގެން މިމަހުގެ 3 އިން 4 ކުރިއަށްގެންދިޔަ މި މަސައްކަތު ބައްދަލުވުމުގައި ރާއްޖޭގެ އެކި ހިސާބުތަކުން 21 ކޯޓް އޮފިސަރުންބައިވެރިވެ ތަމްރީނުފުރިހަމަކުރިއެވެ.