ސިޔާސީ

ސަރަޙައްދީ ފެންވަރުގައި ބަސްބުނެވޭ ޤައުމަކަށް ރާއްޖެ ހަދަން ބޭނުން - ރައީސް


ދިވެހިރާއްޖެއަކީ ސަރަޙައްދީ ފެންވަރުގައި ބަސްބުނެވޭ ޤައުމަކަށް ހައްދަވަން ބޭނުންފުޅުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ އިންޑިއާ ސަރުކާރުގެ ފަރާތުން ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ 4 މަޝްރޫޢެއް ރަސްމީކޮށް އިފްތިތާޙްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ހާލަތު ރަނގަޅުކުރުމަށް އިންޑިއާ ސަރުކާރުގެ އެހީގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ޢުމްރާނީ ގޮތުންނާއި އިޤްތިޞާދީގޮތުން ރާއްޖޭގެ ތަރައްޤީއަށް އިންޑިއާ ސަރުކާރުން ދެއްވާ ޚާއްސަ އަހައްމިއްޔަތުކަން ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ހަމަހަމަ އުޞޫލުން ތަރައްޤީ ގެނައުމަކީ މި ސަރުކާރުގެ މުހިއްމު ސިޔާސަތެއްކަން ފާހަގަކުރައްވާ، ރާއްޖޭގެ ހިންގުމުގެ ދާއިރާ ލާމަރުކަޒުކުރުމަށް ކުރަމުންދާ މަސައްކަތަށް އިންޑިއާއިން ވެދެއްވާ އެހީތެރިކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ޞާލިޙު ވިދާޅުވީ، ސަރަޙައްދީ ޤައުމުތަކުގެ މެދުގައި ހަމަޖެހުން ޤާއިމުވެފައިއޮތުން މުހިއްމުކަމަށާއި، ދޭދޭ ޤައުމުތަކުގެ މެދުގައި ގާތްގުޅުމެއް ބާއްވަން ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެކަމަށެވެ. އިންޑިއާއާއެކު އޮންނަ ގުޅުމަށް މި ސަރުކާރުން އަބަދުވެސް ޚާއްސަ އިސްކަމެއްދޭނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އިންޑިއަން އޯޝަން ރިމް އެސޯއިއޭޝަންގެ މެމްބަރަކަށް ދާދިފަހުން ރާއްޖެވުމާއެކު، ރާއްޖޭގެ މަސްލަޙަތު ހިމެނޭ ކަންކަމުގައި ސަރަޙައްދީ ފެންވަރުގައި ބަސްބުނެވޭ ޤައުމަކަށް ރާއްޖެ ހައްދަވަން ބޭނުންފުޅުވާކަމަށެވެ. އަދި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކާ އިންޑިއާއާއެކު ކުރިއަށްއޮތްތާ ވަރަށް ގާތުން މަސައްކަތްކުރައްވަން ބޭނުންފުޅުވާކަމަށްވެސް ރައީސް ޞާލިޙު ވިދާޅުވިއެވެ.

ލައިވް ވީޑިއޯ ކޮންފަރެންސް މެދުވެރިކުރައްވާ މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ، ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކޮށް، އިންޑިއާއާއި ރާއްޖޭގެ ގުޅުން ވަރުގަދަކުރުމަށް ކުރެވުނު މަސައްކަތްތަކުގައި ފާއިތުވި އެއް އަހަރަކީ ކާމިޔާބު އަދި އެތައްގޮތަކުން ފާހަގަކޮށްލެވޭ އަހަރެއްކަމަށެވެ. އެގޮތުން އިންޑިއާއިން ގެންގުޅޭ "ނެއިބައިހުޑް ފަސްޓް" ސިޔާސަތާއި ރާއްޖެއިން ގެންގުޅޭ "އިންޑިއާ ފަސްޓް" ސިޔާސަތުގެ ތެރެއިން ކާމިޔާބު މަސައްކަތްތަކެއް މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ކުރެވިފައިވާކަން މޯދީ ފާހަގަކުރެއްވިއެވެ.

ބޮޑު ވަޒީރު މޯދީގެ ވާހަކަފުޅުގައި ރާއްޖޭގެ ތަރައްޤީއަށް އެހީތެރިވުމުގައި އިންޑިއާއިން އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަޤީންކަންދެއްވަމުން މި ފެށޭ އަހަރާއެކު އިންޑިއާގެ ފަރާތުން ގިނަ އެހީތަކެއް ފޯރުވައި ދެއްވާނެކަމަށް ވިދާޅުވިއެވެ. އެގޮތުން ހުޅުމާލޭގައި ކެންސަރ ހޮސްޕިޓަލަކާއި ކްރިކެޓް ސްޓޭޑިއަމެއް ތަރައްޤީކުރުމުގެ އިތުރުން، ފެނާއި ނަރުދަމާގެ ގިނަ މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވީޑިއޯ ކޮންފަރެންސްކޮށް ބޭއްވެވި މި ރަސްމިއްޔާތަކީ ދިވެހި ސަރުކާރާ ދޭދޭ ޤައުމެއްގެ ސަރުކާރަކާއެކު މިގޮތަށް ބޭއްވެވި ފުރަތަމަ ރަސްމިއްޔާތެވެ.

އިންޑިއާއާއި ދިވެހިރާއްޖެއާއި ދެމެދު ޚާރިޖީގުޅުން ޤާއިމުކުރިތާ 50ށް ވުރެ ގިނަ އަހަރުވެފައިވާއިރު، ދެޤައުމުގެ ގުޅުން ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އިންޑިޔާއިން އަންނަނީ ރާއްޖެއަށް މާލީގޮތުންނާއި ފަންނީގޮތުން އެތައް އެހީތަކެއް ފޯރުވައި ދެމުންނެވެ.