ވިޔަފާރި

ފްރާންސްގެ އިންޓަރނޭޝަނަލް ލަގްޒަރީ ޓްރެވަލް މާކެޓްގައި ރާއްޖެ އިޝްތިހާރުކުރަނީ


އިންޓަރނޭޝަނަލް ލަގްޒަރީ ޓްރެވަލް މާކެޓް، އައި.އެލް.ޓީ.އެމްގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މިއީ ފްރާންސްގެ ކެންނަގައި މި ޑިސެންމްބަރު މަހުގެ 2 ވަނަ ދުވަހުން 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ފެއަރއެކެވެ.

މި ފެއަރގައި ރާއްޖޭގެ ފަރާތުން އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވަނީ މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންއެވެ. މިފެއަރގައި އެމްއެމްޕީއާރުސީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 13 ކުންފުނީގެ 17 މަނދޫބުން ބައިވެރިވެއެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފެއާރގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތައް، ފްރާންސްގެ މަތީފަންތީގެ ފަތުރުވެރި ކަމުގެ އިސްފަރާތްތަކާ ބައްދަލުކުރާނެވެ. މިގޮތުން އައި.އެލް.ޓީ.އެމް މެދުވެރިކޮށް ފްރާންސްގެ މަތީފަންތީގެ ފަތުރިވެރީންނަށާއި ދާއިރާގެ މަންދޫބުންނަށް ދިވެހިރާއްޖެ އިތުރަށް އިޝްތިހާރުކުރުމުގެ މަސަތްކަތްތައް ކުރާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

ރާއްޖޭގެ ސްޓޭންޑް ފަރުމާކޮށްފައިވަނީ 60 މީޓަރުގެ ޖާގައެއްގައި، ރާއްޖޭގެ ޤުދުރަތީ އެތައް މަންޒަރުތަކެއް ދައްކުވައިދޭ ގޮތަށެވެ.

ރީޑް އެގްޒިބިޝަންގެ ފަރާތުން އިންތިޒާމު ކުރާ އައި.އެލް.ޓީ.އެމް ފެއާރއަކީ ދުނިޔޭގަ ބާއްވާ ލަގްޒަރީ ފެއާތަކުގެ ތެރެއިން އެންމެ މަގްބޫލު އެއް ފެއާއެވެ. މިއީ މި ފެއާރ ބާއްވާ 18 ވަނަ އަހަރެވެ. މިފަހަރުގެ ފެއާރއަށް 5000 އަށްވުރެ ގިނަ ފަރާތުން ޒިޔާރަތްކުރާނެކަމަށް ވަނީ ލަފާކޮށްފައެވެ. މިދިޔައަހަރުގެ އައި.އެލްޓީ.އެމް ފެއާރގައި 80 ގައުމާއި 1880 ކުންފުނިން ބައިވެރިވިއެވެ.

މިއަހަރުގެ އޮކްޓޫބަރުމަހާއި ހަމައަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، ފްރާންސް ހިމެނެނީ ރާއްޖެއަށް 7 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުގެ ގޮތުގައެވެ. އެއީ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ މުޅި ޖުމްލަ ނިސްބަތަށް ބަލާއިރު 3.5 އިންސައްތައެވެ. އަދި އައި.އެލް.ޓީ.އެމްގައި ބައިވެރިވުމުގެ ސަބަބުން މިސަރަހައްދުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ވާނެކަމަށް އެމްއެމްޕީއާރުސީން ލަފާކުރެއެވެ.