ވިޔަފާރި

ވިޔަފާރި ރަޖިސްޓްރީކުރުމުގެ ބިލު ތަސްދީޤުކުރައްވައިފި


ރާއްޖޭގައި ހިންގާ ހުރިހާ ވިޔަފާރިތައް ރަޖިސްޓްރީކުރަންޖެހޭގޮތަށް، މަޖިލީހުން ފާސްކުރި ވިޔަފާރި ރަޖިސްޓްރީކުރުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފިއެވެ.

ވިޔަފާރި ރަޖިސްޓްރީކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ އޮގަސްޓުމަހުއެވެ. މިބިލުގައިވާ ގޮތުން ރާއްޖޭގައި ހިންގާ ހުރިހާ ވިޔަފާރިތައް ރަޖިސްޓްރީ ކުރަންޖެހެއެވެ. މީގެ ތެރޭގައި އޮންލައިންކޮށް ހިންގާ ފިހާރަތަކާއި އޮފިސްތައް ހިމެނެއެވެ. މީގެ އިތުރުން ބިދޭސީން ރާއްޖޭގައި ވިޔަފާރި ކުރާނަމަ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނުގެ ދަށުން ހުއްދަ ހޯދަންޖެހޭކަމަށް ވެސް މިޤާނޫނުގައިވެއެވެ.

މި ބިލު މިއަދު ޤާނޫނަކަށްވުމާއެކު 30 ދުވަހުގެ ތެރޭގައި އޮންލައިން ވިޔަފާރިތައް ރަޖިސްޓްރީ ކުރަންޖެހެއެވެ.

މި ބިލާއެކު ވަކި ބާވަތްތަކުގެ ވިޔަފާރި ހިންގުމުގެ ޤަވާއިދުތައް އެކުލަވާލުމުގެ ބާރު ރަޖިސްޓްރާ އޮފް ކޮމްޕެނީސްއަށް ލިބިގެންދާނެއެވެ. އަދި ޤާނޫނު ތަސްދީޤްކުރާތާ މަދުވެގެން ދެމަސްދުވަހުގެ ތެރޭގައި ވިޔަފާރިތަކުގެ ދަފްތަރެއް ރަޖިސްޓްރާ އެކުލަވާލަންޖެހެއެވެ.

ސަރުކާރުން ބުނީ މި ބިލާއެކު ސަރުކާރުގެ ބޭނުމަކީ ހުރިހާ ވިޔަފާރިތަކެއް އެއްތަނަކުން ފެންނަން ހުރުން ކަމަށެވެ. އަދި ރާއްޖޭގައި ބިދޭސީން ޤާނޫނާއި ޙިލާފަށް ހިންގަމުންދާ ވިޔަފާރިތައް ރެގިއުލޭޓްކޮށް ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރެވިގެންދާނެކަމަށްވެސް ސަރުކާރުން ބުނެއެވެ.