ޚަބަރު

ފަރުދުންގެ އާމްދަނީން ޓެކްސް ނެގުމަށް މަޖިލީހުން ފާސްކޮށްފި


ފަސްދޮޅަސް ހާސް ރުފިޔާއަށްވުރެ މަތިން އާމުދަނީ ލިބޭ މީހުންގެ އަތުން އިންކަމް ޓެކްސް ނަގާގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މިގޮތަށް ފާސްވީ ވޯޓްގައި ބައިވެރިވެވަޑއިގެންނެވި 67 މެންބަރުންގެ 64 މެމްބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ވޯޓުދެއްވީ 2 މެންބަރުންނެވެ. އެއްމެމްބަރަކު ވަކިކޮޅަކަށް ވޯޓު ދެއްވާފައެއް ނުވެއެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް އިންކަމް ޓެކްސްގެ ބިލް ހުށައެޅުއްވީ މަހަކު ސާޅިސް ހާސް ރުފިޔާއަށްވުރެ އިތުރަށް ޢާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ޓެކްސް ނެގުމަށެވެ. ނަމަވެސް މިއަދު މަޖިލީހުން ފާސްކޮށްފައި ވަނީ ފަސްދޮޅަސް ހާސް ރުފިޔާއިން މަތިން އާމްދަނީ ލިބޭ މީހުންގެ އަތުން ޓެކްސްނެގުމަށެވެ. މިގޮތަށް މި ބަދަލު ގެނައީ އެމްޑީޕީން ރައްޔިތުންނަށް ވީވަޢުދުގައި ބުނެފައި ވަނީ ޓެކްސް ނަގާނީ ފަސްދޮޅަސް ހާސްރުފިޔާއިން މަތިން އާމްދަނީ ލިބޭމީހުންގެ އަތުންކަމަށްވާތީ ކަމުގައި ބިލް ދިރާސާކުރެއްވި ކޮމިޓީގައި މެންބަރުން ވިދާޅުވެފައިވެއެވެ.

މަޖިލީހުން ގެނައި މި ބަދަލާއެކު އަންނަ އަހަރަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީ ދަށްވާނެކަމަށް ފިނޭންސް މިނިސްޓަރވެސް ވަނީ ވިދާޅުވެފައިވެއެވެ.

އިންކަމްޓެކްސް ނުވަތަ ފަރުދުންގެ އާމްދަނީން ޓެކްސް ނެގުމަށް ސަރުކާރުން ހުށައެޅި ބިލްގައި ޓެކްސް ނަގަން ފަށާނެ އިންސައްތައަކީ 8 އިންސައްތަކަމަށް ބަޔާންކޮށްފައި ވީނަމަވެސް މަޖިލީހުން ވަނީ އެ ޢަދަދު ފަހެއް ޕޮއިންޓު ފަހެއް އިންސައްތައަށް ކުޑަކޮށްފައެވެ. މަޖިލީހުން ވަނީ ސަރުކާރުން ޓެކްސް ނަގަން ހުށައެޅި ބްރެކެޓްތަކަށްވެސް ބަދަލުގެނެސްފައެވެ.

އެ ބަދަލުތަކަކީ:
1 - 60000 އިން ދަށުގެ އާމްދަނީތަކަށް- %0
2 - 60000 އާއި 100،000 އާއި ދެމެދު - %5.5
3 - 100،000 އާއި 150،000 އާއި ދެމެދު - %8
4 - 150،000 އާއި 200،000 ދެމެދު - %12
5 - 200،000 އިން މަތީގެ އާމްދަނީތަކަށް - %15

އާމްދަނީ ޓެކްސް ނަގާ ބިލް ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރެއްވި ގިން މެންބަރުން ވަނީ ޑިވިޑެންޑުން ޓެކްސް ނެގުމަށް ބިލްގައި ހިމަނާފައިވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން މަޖިލީހުގެ ގިނަ މެންބަރުން ޑިވިޑެންޑުން ޓެކްސް ނެގުމާއި ދެކޮޅަށް ވާހަކަފުޅު ދެއްކެވި އިރު އެއިސްލާހު ފާސްވެފައެއް ނުވެއެވެ.

ފަރުދުންގެ އާމްދަނީން ޓެކްސް ނަގަން ފަށާނީ މިބިލް ތަސްދީޤު ކުރާތާ 3 މަސް ދުވަސް ފަހުންކަމަށް ބިލްގައި ބަޔާންކޮށްފައި ވެއެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ޢާމްދަނީން ނަގާ ޓެކުހުން ދައުލަތަށް ގާތްގަނޑަކަށް 680 މިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ ލަފާކޮށްފައެވެ.