ސިޔާސީ

ސިޔާސީ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް މަޝްވަރާކުރަނީ


ސަރުކާރާއި އިދިކޮޅު އެމްޑީޕީއާއި އެކު ކުރިއަށްގެންދާ މަޝްވަރާތައް ކުރިއަށްގެންދާނީ ސިޔާސީ މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދޭނެގޮތަކަށްކަމަށް ސަރުކާރުން ރޭ ހާމަކޮށްފިއެވެ.އިދިކޮޅު ފަރާތްތަކާއިއެކު ބޭއްވި މަޝްވަރާތަކަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ، ސިޔާސީ މަޝްރަހު ފިނިކުރަން ކުރެވޭނީ ކޮން ކަމަކަށްތޯ މިމަޝްވަރާ  ބައްދަލުވުމުގައި މަޝްވަރާ ކުރެވުނުކަމަށާއި، މިއީ ވަކި ބަޔަކު މޮޅުވެ ބަލިވުން ކަނޑައަޅާނެ މަޝްވަރާތަކެއް ނޫންކަމަށެވެ. އަދި  މިމަޝްވަރާތައް ކުރިއަށް ދަނީ ދިގު މުއްދަތަކަށް ރާއްޖޭގައި ޖެހޭ މައްސަލަތަކަށް ހައްލު ހޯދުމަށް އެއްބަސްވުންތަކަކަށް އައުމަށް ކަމަށާއި، މަޝްވަރާތައް ކުރިއަށް ދަނީ ވަރަށް އެކުވެރިކޮށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެހެންކަމުން މަޝްވަރާތައް ކާމިޔާބުވުމުގެ ފުރުސަތު ބޮޑުކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.މީގެ އިތުރުން، ކުރިއަށް އޮތްތަނުގައި ވެސް މިގޮތަށް މަޝްވަރާތައް ކުރިއަށްދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، އެމްޑީޕީން ހުށައެޅި އެއްވެސް ހުށަހެޅުމަކަށް މުހުލަތެއް ނުލައި ކުރިއަށްގެންދަން އެއްބަސްވެވިފައިވާކަމަށްވެސް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވިއެވެ.މި މަޝްވަރާތަކުގައި ބައިވެރިވާ އިދިކޮޅު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވީ ސިޔާސީ ބޭފުޅުންނަށް ދެވެން އޮތް ލުޔެއް ދިނުމަށް ސަރުކާރުން އޮތީ ތައްޔާރަށް ކަމަށާއި،އެކަމުގައި ވަގުތުކޮޅެއް ދިނުމަށް ސަރުކާރުން އެދިފައިވާކަމަށެވެ. އަދި އަންނަ ހަފްތާގައި ބާއްވާ މަޝްވަރާތަކުގެ ތިންވަނަ ބައްދަލުވުމަށް، އެމްޑީޕީން ކުރަން ޖެހޭ ކަންތައްތަކެއްވެސް ހިމެނޭ ގޮތަށް ސަރުކާރުން ހުށައަޅާނެކަމަށާއި، މަޝްވަރާތައް މިހާރު ކުރިއަށްދާ މާހައުލުގައި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި  ނަތީޖާއެއް ނެރެވޭނެ ކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވީ، މިއީ ވަކި ބަޔަކަށް ކަންކަން މަޖުބޫރުކޮށްގެން ކަންތައްތަކެއް ކުރަން ބާއްވާ މަޝްވަރާތަކެއް ނޫންކަމަށާއި، އޭގެ ބަދަލުގައި ދެބައި މީހުން ވެސް ކަންތައްތަކެއް ކުރަން އެއްބަސްވެގެން ކުރާކަމެއްކަމަށެވެ. އަދި "ޕޮލިޓިކަލް ރިކޮންސިލިއޭޝަން" އަކަށް ދިއުމަށްމަޝްވަރާތަކުގައި އެއްބަސްވެފައިވާކަމަށްވެސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވިއެވެ.މީގެ އިތުރުން މިމަޝްވަރާތަކުގައި ބައިވެރިވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނަން އޮތުމަށް ސަރުކާރުގެ އިއުތިރާޒެއް ނެތް ކަމަށް އެއްބަސްވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.އިދިކޮޅު އެމްޑީޕީން ވަނީ ކުށްކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބި ސިޔާސީ މީހުންނާއި، ހުކުމް ތަންފީޒްކުރަމުންގެންދާ ސިޔާސީ މީހުންނަށް ލުއި ދިނުމަށް ސަރުކާރުން ތައްޔާރަށް އޮތްކަން ހާމަކޮށްފައިވާކަމަށްވެސް ވިދާޅުވެފައެވެ.ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އިސްނެނެގެވުމާއިއެކު  ފަށާފައިވާ މަޝްވަރާތަކުގައި މިހާތަނަށް އެއްބާރުލުން ދީފައިވަނީ ދެޕާޓީންނެވެ. އެއީ އިދިކޮޅު އެމްޑީޕީއާއި ޖުމްހޫރީ ޕާޓީންނެވެ.ޖުމްހޫރީ ޕާޓީއާއެކު ސަރުކާރުން މަޝްވަރާތައް ފަށާފައިވަނީ މިދިޔަމަހުގެ ކުރީކޮޅުގައެވެ.