ޚަބަރު

ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މަޤާމުން ވަކިކޮށްފި


ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަބްދުލްޣަނީ މުޙައްމަދު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ޣަނީ ފަނޑިޔާރުކަމުން ވަކިކުރުމަށް ފާސްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ ތެރެއިން 64 މެމްބަރުންގެ ވޯޓުންނެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނުން ފަނޑިޔާރު ޣަނީ މަޤާމުން ވަކިކުރުމަށް ނިންމާ، މަޖިލީހަށް ހުށައެޅި މައްސަލަ ދިރާސާކޮށް ޖުޑީޝަރީ ކޮމިޓީންވެސް ފާސްކޮށްފައިވަނީ ޢަބްދުލްޣަނީ ފަނޑިޔާރެއްގެ ކިބައި ހުންނަންޖެހޭ ޝަރުތު ފުރިހަމަނުވާކަމަށެވެ.

ފަނޑިޔާރު ޣަނީއާމެދު ޖޭއެސްސީން ބެލި މައްސަލަތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ލިބިދީފައިވާ ބާރުތަކެއް ސުޕްރީމް ކޯޓުން ހަނިކޮށް، ރައްޔިތުންގެ މަޖިލީހާއި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މަސައްކަތަށް ހުރަސްއެޅި މައްސަލަ ސަބިތުވާކަމަށް ވަނީ ނިންމާފައެވެ. އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ދުސްތޫރީ އަދި ޤާނޫނީ ވާޖިބު އަދާނުކުރެވޭ ގޮތަށް މެންބަރުންގެ މެންބަރުކަމުގެ ހައިސިއްޔަތު ގެއްލިގެންދާގޮތަށް ޢަމަލުކުރި މައްސަލަ ފަނޑިޔާރު ޣަނީގެ މައްޗަށް ސާބިތުވާކަމަށްވެސް ޖޭއެސްސީން ވަނީ ނިންމާފައެވެ.

މީގެ އިތުރުން ޤާނޫނުން ޖުޑިޝަލް ކައުންސިލްގެ ނަމުގައި ކައުންސިލެއް އުފައްދާފައިވަނިކޮށް އެ ކައުންސިލް އުވާލައި، އެ ކައުންސިލާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަމިއްލައަށް ހަވާލުވެ އަދި ފަހުން ޖުޑިޝަލް ކައުންސިލްގެ ނަމުގައި އެހެން ކައުންސިލެއް އުފެއްދި މައްސަލަވެސް ފަނޑިޔާރު ޢަބްދުލްޣަނީގެ މައްޗަށް ސާބިތުވާކަމަށް ޖޭއެސްސީން ވަނީ ނިންމާފައި. މި މައްސަލަތައް ހިމެނޭ ރިޕޯޓް ޖޭއެސްސީން މަޖިލީހުގެ ރިޔާސަތަށް ފޮނުވާފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުގައެވެ.

ފަނޑިޔާރު ޣަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރީ މިދިޔަ އަހަރުގެ ޖޫން 28 ގައެވެ. އޭނާވަނީ މީގެ ކުރިން ހައި ކޯޓުގައި އަދި ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައެވެ.

ފަނޑިޔާރު ޣަނީ މަޤާމުން މިއަދު ވަކިކުރެއްވިއިރު މީގެ ކުރިން އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުﷲ ދީދީވެސްވަނީ މަގާމުން ވަކިކޮށްފައެވެ.