ވިޔަފާރި

މަރާމާތަށްފަހު ގިލިލަންކަންފުށި ހުޅުވައިފި


މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭ ހިންގި އަލިފާނުގެ ހާދިސާއަކާއި ގުޅިގެން މަރާމާތުކުރުމަށް ބަންދުކޮށްފައި އޮތުމަށްފަހު ގިލިލަންކަންފުށި ރިސޯޓް ހުޅުވައިފިއެވެ.

ގިލިލަންކަންފުށީގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި ރިސޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު ރިސޯޓުގެ 7 މޫދު ކޮޓަރި ބޭނުން ނުކުރެވޭވަރަށް އަނދާފައިވެއެވެ. އަލިފާނުގެ ހާދިސާއަށްފަހު މަރާމާތުކުރުމަށް ރިސޯޓު ބަނދުކޮށްފައި އޮންނަތާ ގާތްގަނޑަކަށް 11 މަސް ފަހުން މިހާރު ގިލިލަންކަންފުށި ވަނީ ހުޅުވާފައެވެ.

މިރިސޯޓުގައި 84 ވިލާއާއެކު 2 ބިއުޓީ ސެލޫނާއި ޖިމަކާއި ކުޑަކުދިންނަށް ޚާއްސަ ސްވިމިންގ ޕޫލަކާއި އިތުރު ދެ ސްވިމިންގ ޕޫލެއް ހުރެއެވެ. މީގެ އިތުރުން ވެސް އެކި ކުޅިވަރުތަކަށް ޚާއްސަ ކުޅިވަރު ކޯޓުތަކާއި ޕޫލް ރޫމަކާއި ގޭމް ރޫމެއްގެ އިތުރުން ފަތުރުވެރިންނަށް ޚާއްސަ ލައިބްރަރީއެއް ވެސް މިރިސޯޓުގައި ތަރައްޤީކުރެވިފައިވެއެވެ.

އެހެންނަމަވެސް މަރާމާތަށްފަހު ރިސޯޓަށް ގެންނާނެ ބަދަލުތަކެއްގެ ވާހަކަ ރިސޯޓުން ހާމަކޮށްފައެއް ނުވެއެވެ.

ގިލި ލަންކަންފުށްޓަކީ ކުރިން ސޮނޭވާ ގިލީގެ ނަމުގައި ހިންގި ރިސޯޓެކެވެ. ނަމަވެސް 2012 ވަނަ އަހަރު ސިންގަޕޫރުގެ ކުންފުންޏެއްކަމަށްވާ 'ހޮޓެލް ޕްރޮޕަޓީސްއިން ވަނީ' މި ރިސޯޓު ގަނެ ގިލި ލަންކަންފުށީގެ ނަމަށް ބަދަލުކޮށް ރިސޯޓު ހިންގަން ފަށާފައެވެ.