ޚަބަރު

މެދުނުކެނޑި ޚިދުމަތްދިނުމުގެ ޤާބިލުކަން އެމްޑްބްލިއުއެސްސީގައި އެބަހުރި - އާޒިމް


މާލެއަށް ފޯރުކޮށްދޭ ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރެވި، މެދުނުކެނޑި ޚިދުމަތްދިނުމުގެ ޤާބިލުކަން އެމްޑްބްލިއުއެސްސީގައި އެބަހުރި ކަމަށް އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވެއްޖެެއެވެ.

އާޒިމް މިހެން ވިދާޅުވީ، އެމްޑަބްލިޔުއެސްސީގައި ހިނގި އަލިފާންގެ ހާދިސާއާ ގުޅިގެން ދިމާވި ފެނުގެ ކާރިސާއަށް ފަސް އަހަރު ފުރުމާއި ގުޅިގެން ވާހަކަދައްކަވަމުންނެވެ. އާޒިމް ވަނީ، މި ސަރުކާރުން އެ ކުންފުންޏާއި ހަވާލުވިއިރު ބޮޑެތި ގޮންޖެހުންތަކެއް ކުންފުންޏަށް ކުރިމަތިވެފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކުންފުނީގެ މާލީ ހާލަތު ދަށްވެފައިވާއިރު އޭރު ކުންފުނި އޮތީ ކަސްޓަމަރުންނާ ވަރަށް ބީރައްޓެހި ކުންފުންޏެއްގެ ގޮތުގައި ކަމަށްވެސް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ ކުންފުނީގައި ހުރި ދަތިތައް ހައްލުކޮށް އާންމުންނަށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ދިނުމަށް ސަރުކާރުން ފެށި މަސައްކަތް ކާމިޔާބުވެ ކުންފުންޏަށް ކުރިއެރުންތަކެއް ގެނެވިފައިވާކަމަށެވެ.

އެމްޑަބްލިއުއެސްސީއިން ކުރި ޓުވީޓް

2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު އެމްޑަބްލިޔުއެސްސީގެ ފެން ޕްލާންޓުތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންކުރަމުންދިޔަ ޕެނަލެއްގައި އަލިފާން ރޯވެ ހިނގި ހާދިސާއާ ގުޅިގެން އެކުންފުނިން މާލެއަށް ފޯރުކޮށްދެމުންދިޔަ ފެނުގެ ޚިދުމަތް ހަފްތާއެއްހާ ދުވަހަށް މެދުކެނޑުނެވެ. އަދި މީގެ ސަބަބުން މާލޭގައި ދިރިއުޅެމުންދިޔަ ރައްޔިތުންނަށް ފެން ނުލިބި ބޮޑެތި ދަތިތަކެއް ތަހަންމަލްކުރަން ޖެހުނެވެ.