ވިޔަފާރި

ސަފާރީތަކަށް ދިމާވާ މައްސަލަތައް ހައްލުވާނީ އެއް ނިޒާމެއްގެ ތެރެއިން މަސައްކަތްކުރުމުން - ކަސްޓަމްސް


ރާއްޖެ އަންނަ ޔޮޓާއި ސަފާރީ އަދި އެހެނިހެން ބޮޑެތި އުޅަނދުތަކަށް ބަނދަރުކުރުމުގައި ދިމާވެފައިވާ މައްސަލަ ހައްލުވާނީ ކަމާބެހޭ އިދާރާތަކުން ޢަމަލުކުރުމަށް އެއް ނިޒާމެއް އޮވެގެންކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވިދާޅުވެއްޖެއެވެ.

ކަސްޓަމްސްއިން މިހެން ވިދާޅުވެފައިވަނީ ހއ. އުލިގަމަށް ބަނދަރުކުރާ ޔޮޓްތައް މަދުވުމާއި، އެ ޔޮޓްތައް ބަނދަރުކުރުމަށް ހުއްދަ ނެގުމުގައި ދިމާވާ މައްސަލަތަކާއި ގުޅިގެން އުލިގަމު ކައުންސިލުން ރައްޔިތުންގެ މަޖިލީހުގެ އިޤްތިސާދީ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައާއި ބެހޭގޮތުން ބޭއްވި ކޮމިޓީ ބައްދަލުވުމެއްގެ ތެރެއިންނެވެ.

އުލިގަމު ކައުންސިލުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި އުޅަނދުތައް ބަނދަރުކުރުމަށްޓަކައި ސަރުކާރުގެ އެކި އިދާރާތަކުން ހުއްދަ ނެގުމުގައި ލަސްވުމާއި، އުޅަނދުތައް ކްލިއަރ ކުރުމުގައި ނަގާ ފީ ބޮޑުވުން ހިމެނެއެވެ.

ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ސީނިއަރ ސުޕްރިންޑެންޓް އަހުމަދު ނިޔާޒު ވިދާޅުވީ ރާއްޖެއަށް އުޅަނދުތައް އެތެރެވާއިރު އެކި އިދާރާތަކުން ބަލަންޖެހޭ އިންސްޕެކްޝަންތައް ހުންނަކަމަށެވެ. އެގޮތުން އެ އުޅަނދުތަކަކީ ރާއްޖޭގެ އެކި އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ އުޅަނދެއްތޯ ބަލާ ކަށަވަރުކޮށް، ކްލިއަރެންސް ދިނުމަށް އެތައް މުއައްސަސާތަކަށް ލިޔެކިޔުންތައް ފޮނުވަން ޖެހޭކަމަށާއި މިއީ ވަރަށް ވަގުތު ހޭދަވާ ކަމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނިޔާޒު ވިދާޅުވީ މިކަމަށް ހައްލެއް ލިބޭނީ ހުރިހާ މުއައްސަސާތަކުން ވެސް ޢަމަލުކުރަން އެއް މިންގަނޑެއް އޮވެގެންކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ސަރުކާރުން ޤާއިމްކުރުމަށް މަސައްކަތްކުރަމުންދާ ސިންގަލް ވިންޑޯގެ ތެރެއިން މިކަމަށް ހައްލެއް ލިބިގެންދާނެކަމަށް ބެލެވޭކަމަށެވެ.

" މިކަމަށް އާންމު އުސޫލެއް އަންނަން އެބަޖެހޭ. ކަންކަން ހިނގާ ގޮތް އެއް ކަރުދާހަކަށް ގެންނަން ޖެހޭ. ސިންގަލް ވިންޑޯ ޤާއިމްކުރުމުގެ މަސައްކަތް އެބަކުރެވޭ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއިއެކު. ސިންގަލް ވިންޑޯގެ ތެރެއިން ސަރުކާރުގެ ހުރިހާ އިދާރާއެއް ގުޅާލެވިގެންދާނެ. މި ނިޒާމް އައީމަ އޮންލައިންކޮށް ޓްރާންސެކްޝަން ގެންދިއުމަށް ފަސޭހަވެގެންދާނެހެން." އަހުމަދު ނިޔާޒު ވިދާޅުވިއެވެ.

ރާއްޖޭގެ ސަލާމަތީ ރައްކާތެރިކަމާއި ސިއްހީގޮތުން ބަލާ މިންގަނޑުތަކުގެ ސަބަބުން އުޅަނދުތަކަށް އެތެރެވެވޭނީ ވަކި ސެޓްފިކެޓްތަކެއް ލިބިގެންނެވެ. މި ސެޓްފިކެޓްތައް ހެދުމަށް އުޅަނދުތަކުން އެކި ޢަދަދުތަކުން ފީ ދައްކަން ޖެހެއެވެ.

ހެލްތް ޕްރޮޓްކްޝަން އޭޖެންސީން ވިދާޅުވީ ސިއްޚީގޮތުން އުޅަނދުތައް ރައްކާތެރިތޯ ބެލުމަށްޓަކައި 1000 ރުފިޔާއާއި 5000 ރުފިޔާއާއި ދޭތެރޭގެ ފީއެއް ދައްކަންޖެހޭކަމަށެވެ. އަދި އިންވާޑް އައުޓްވާޑް ކްލިއަރެންސް ހެއްދުމަށް ސްޓޭމްޕް ޖެހުމަށް ކަސްޓަމްސްއިން ވެސް 1000 ރުފިޔާގެ ފީއެއް ޔޮޓްތަކުން ނަގަމުންދެއެވެ.

ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ކަސްޓަމްސް، އަބްދުލް ރަޝީދު އިބްރާހިމް ވިދާޅުވީ ކްލިއަރެންސް ފީގެ ގޮތުގައި ކަސްޓަމްސްއިން މިހާރު ނަގަމުންދާ ފީ ކުޑަކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

" އަޅުގަނޑުމެން މިހާރު މިވަނީ ނިންމާފަ ކަސްޓަމްސްއިން ކްލިއަރެންސް ފީގެ ގޮތުގައި ނަގާ 1000 ރުފިޔާއަށް ވުރެ ކުޑަ އަގެއް ނެގުމަށް. މިހާރު ނަގަމުންދަނީ ކުދި އުޅަނދުތަކާއި ބޮޑެތި ޓޫރިސްޓު އުޅަނދުތަކަށް ވެސް 1000 ރުފިޔާ. މިބަދަލާއެކު ކުދި އުޅަނދުތަކަށް ލުޔެއް ލިބޭނެ." އަބްދުލް ރަޝީދު އިބްރާހިމް ވިދާޅުވިއެވެ.

އުލިގަމު ކައުންސިލުން ހުށަހަޅާފައިވާ މި މައްސަލައާއި ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް-އެމްޕީއެލް، މޯލްޑިވްސް ޕޮލިސް ސަރވިސް، އިމިގްރޭޝަން، ކަސްޓަމްސް އޮފިސް އަދި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ ވަނީ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

ބައްދަލުވުމުގައި ހުރިހާ އިދާރާއަކުން ވެސް ވަނީ ނެޝަނަލް ސިންގަލް ވިންޑޯއާއެކު މިކަމަށް ހައްލެއް ލިބޭނެކަމަށް އިއްތިފާޤުވެފައެވެ.