ތަޢުލީމު

ފަންނީ މީހުން ތަމްރީނުކުރުމުގެ އެއްބަސްވުމެއްގައި ޕޮލިޓެކްނިކުން އެމް.ޑަބްލިޔު.އެސް.ސީ އާއިއެކު ސޮއިކޮށްފި


ފަންނީ ދާއިރާތަކަށް މީހުން ތަމްރީންކުރުމުގެ އެއްބަސްވުމެއްގައި މާލޭ ވޯޓަރ އެންޑް ސްވެރޭޖް ކޮމްޕެނީ، އެމް.ޑަބްލިޔު.އެސް.ސީ އާއިއެކު މޯލްޑިވްސް ޕޮލިޓެކްނިކުން ސޮއިކޮށްފިއެވެ.

އެކަމަށްޓަކާ މިއަދު ފެން ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ މެނޭޖިންގ ޑިރެކްޓަރ ޢާދަމް ޢާޒިމެވެ. އަދި މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ، އެތަނުގެ ޗީފް އޮޕަރޭޓިންގ އޮފިސަރ، ސީ.އީ.އޯ އަޙުމަދު ނާޞިރެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ޢާދަމް އާޒިމް ވިދާޅުވީ، އިންޖިނިއަރިންގއާއި، މެކޭނިކަލް އަދި ޓެކްނިކަލް މަސައްކަތްތައް ކުރުމަކީވެސް ރަނގަޅު މުސްތަޤުބަލެއް އޮތް ދާއިރާއެއްކަމަށާއި، މިއީ ރަނގަޅު ޢާމްދަނީއެއްވެސް ހޯދޭނެ ދާއިރާއެއްކަމަށެވެ. ނަމަވެސް ރާއްޖޭގައި މިފަދަ ސިނާޢަތްތަކަށް ބޭނުންވާ މަސައްކަތްތެރިން ހޯދުމަކީ އުނދަގޫކަމެއްކަމަށާއި، ޒުވާނުންގެ މެދުގައިވެސް މިފަދަ ދާއިރާތަކަށް އޮންނަ ޝަޢުގުވެރިކަން ކުޑަކަން ފާހަގަކުރެވޭކަމަށެވެ.

އެކިއެކި ސިނާޢަތްތަކަށް ބޭނުންވާ ފަންނީ މުވައްޒަފުން ބިނާކުރުމަށް ޕޮލިޓެކްނިކުން ކުރާ މަސައްކަތްތަކުގައި ބޮޑެތި ކުންފުނިތަކުގެ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވާ ޢާޒިމް ވިދާޅުވީ، ޕޮލިޓެކްނިކަކީވެސް ދުނިޔޭގެ ފެންވަރުގެ ތަނަކަށް ހެދުމަށް ކުރާ މަސައްކަތުގައި އެކުންފުނީގެ ފުރިހަމަ ބައިވެރިން ލިބިގެންދާނެކަމަށެވެ.


"ރާއްޖޭގެ ޕޮލިޓެކްނިކްވެސް ކުރިއަށްގެންގޮސް ދުނިޔޭގެ ފެންވަރުގެ ތަނަކަށް ހެދޭނީ ވަޒީފާތައް ދޭ ބޮޑެތި ކުންފުނިތައް މީގައި ބައިވެރިވެގެން. އަދި އަޅުގަނޑުމެން މިކުރާ ހޭދައަކީ އެފަރާތަށްދީގެން ކުރާ ހޭދައަކަށް ހެދީމަ އެބޭފުޅުންނަށް ބަޖެޓް އިތުރުވާނީވެސް. ޕޮލިޓެކްނިކަކީ ދުނިޔޭގެ ފެންވަރުގެ ތަނަކަށް ނުހެދެންވީ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުފެނޭ.. އަޅުގަނޑުމެން އެމް.ޑަބްލިޔު.އެސް.ސީއިން މިބަލަނީ އެކަމުގައި އަޅުގަނޑުމެންނަށް ދެވުނު އެހީތެރިކަމެއްދޭން.." ޢާދަމް ޢާޒިމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ޕޮލިޓެކްނިކްގެ ސީ.އީ.އޯ އަޙްމަދު ނާޞިރު ވިދާޅުވީ، ރާއްޖޭގެ އެކި ސިނާޢަތްތައް ކުރިއަރަމުންދާއިރު، އެންމެ އެކަށީގެންވާ މިންވަރަށް އަދިވެސް ފަންނީ މަސައްކަތްތެރިން ނުއުފެއްދޭކަމަށެވެ. އެހެންކަމުން އެކިއެކި ސިނާޢަތްތަކުގައި ހަރަކާތްތެރިވާ ކުންފުނިތަކާއި ޕޮލިޓެކްނިކާއެކު އޮންނަ ގުޅުން ހަރުދަނާކޮށް، ސިނާޢީ މަސައްކަތްތަކަށް މީހުން ބިނާކުރުމުގެ އިތުރުން ވަޒީފާއާއި އިންޓާންޝިޕްގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަމަށް ނާޞިރު ވިދާޅުވިއެވެ.


"އަޅުގަނޑުމެން ޤަބޫލުކުރަނީ އިންޑަސްޓްރީޒްތަކުގައި ތިއްބެވި، ޙާއްސަކޮށް ވަޒީފާދޭ ފަރާތްތައް ޓެކްނިކަލް ދާއިރާގައި ކެރިއަރ ބިލްޑްކުރެވޭވަރުގެ ކުންފުނިތަކާއި އަޅުގަނޑުމެންނާއި މިއޮންނަ ގުޅުމުގެ ތެރެއިން އަޅުގަނޑުމެން މިކުރާ މަސައްކަތް އިތުރަށްފުޅާވެ، ގިނަ ބަޔަކަށް މި ޙިދުމަތްފޯރުކޮށްދީ އިޤްތިޞާދަށް ބޭނުންވާވަރަށް ފަންނީ މީހުން ބިނާކޮށްދޭވެނެކަމަށް. ކުރިއާ ޚިލާފަށް ޓެކްނިކަލް އެކި ދާއިރާތަކުން ކުރިއަށްދެވޭނެ ގިނަ ފުރުޞަތުތަކެއް މިހާރު އެބައޮތް" އަހުމަދު ނާސިރު ވިދާޅުވިއެވެ.

ފަންނީ ދާއިރާތަކަށް މީހުން ތަމްރީނު ކުރުމަށް ޕޮލިޓެކްނިކުން އެމް.ޑަބްލިޔު.އެސް.ސީ އާއި އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެތަނުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންވާ މަސައްކަތުގެ ތަޖުރިބާ ފަހިކޮށްދިނުމުގެ އިތުރުން އެތަނުން ދަސްވެނިވާ ދަރިވަރުންނަށް ޓެކްނިކަލް ދާއިރާތަކުން ކުރިއަށްދިއުމަށް ބޭނުންވާ އެހީތެރިކަން އެކުންފުނީގެ ފަރާތުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.