ޚަބަރު

މާލޭ ހުކުރު މިސްކިތުގެ މުންނާރާއި ފެންވަޅުތަކުގެ އާބާތުރަފިލުވުމުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި


މާލޭ ހުކުރު މިސްކިތުގެ މުންނާރާއި ފެންވަޅުތަކުގެ އާބާތުރަފިލުވުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ފައްޓަވައިދެއްވައިފިއެވެ.

މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓެޖްއާއި ސްޓެލްކޯ ގުޅިގެން ކުރިއަށްގެންދާ ހުކުރު މިސްކިތް އާބާތުރަފިލުވުމުގެ މަސައްކަތް ފައްޓަވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓެޖް ޔުމްނާ މަޢުމޫންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަސައްކަތް ފެށުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މަޢުމޫން ވަނީ މި މަސައްކަތް ކުރިއަށްދާނެގޮތުގެ ތަފްސީލު ހިއްސާކުރައްވާފައެވެ. ހުކުރު މިސްކިތުގެ މުންނާރަކީ ހިރިގަލާއި އުވައިން ހަދާފައިވާ ބިނާއެއްކަން ފާހަގަކުރައްވާ މިނިސްޓަރ ޔުމްނާ ވިދާޅުވީ، އުވައަކީ ހިކުމަށް ގިނަ ވަގުތު ބޭނުންވާ އެއްޗެއްކަމުގައެވެ. އެހެންނަމެވެސް މިހާރު ރާއްޖެއަށް ކުރާ ވިއްސާރައިގެ ސަބަބުން މި ފުރުސަތު ނުލިބުމުގެ ސަބަބުން މުންނާރުގައި ފެހިޖަހާގޮތް މެދުވެރިވެއެވެ. މިކަން ހައްލުކުރުމަށް މުންނާރު ދޮވެ ސާފްކުރުމުގެ ހަރަކާތް މެދުކެނޑުމެއް ނެތި ކުރިއަށްގެންދާނެ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ޔުމްނާ ވިދާޅުވީ މި މަސައްކަތުގައި ދިވެހި އަސާރުތަކާއި ތަރިކައަށް ގެއްލުން ނުވާނެ ގޮތްތައް ބަލާފައިވާކަމަށެވެ. އެގޮތުން ވަޅުދިޔަ ހިއްކައި ފެހި އުނގުޅުމުގައި ބޭނުން ކުރަނީ އިހުގައި ދިވެހިން ހިރިގަލުގެ ވަޅުތަކުން ފެހި އުނގުޅުމަށް ބޭނުން ކުރިގޮތަށް ކާށި ބޮނބި ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

"މާލެ ހުކުރު މިސްކިތު މުންނާރަކީ ތިން ސަތޭކަ އަހަރު ވާން ގާތް ވެފައިވާ، އަގުނުކުރެވޭނެ ފަދަ ތަރިކައެއް. ހުކުރު މިސްކިތުގެ މުންނާރު ރީތިކުރުމަށްޓަކައި ޒަމާނީ ކުލަ އާއި ދަވާދު ބޭނުންކުރުމަކީ މުންނާރަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުން ލިބިދާނެ ކަމެއް. މުންނާރަކީ ހިރިގަލާ އުވައިން ހަދާފައިވާ ތަނަކަށް ވާތީ، މުންނާރަށް ރައްކާތެރިކަން ލިބެނީ ހިރިގަލާ އެންމެ ގުޅުންހުރި މާއްދާތައް ބޭނުންކޮށްގެން ކަމަށް ދިރާސާތަކުން ދައްކާ. އެހެންކަމުން، މިހާތަނަށް ބޭނުންކުރަމުން އަންނަނީ އުވަ. އުވަ އަކީ އިމާރާތެއްގައި އެ ލުމަށްފަހު، އަވި ލިބިގެން މެނުވީ ހިކޭ އެއްޗެއް ނޫން. އަދި މުންނާރު ވަރުގެ އިމާރާތެއްގައި އުވަލައި، އާބާތުރަފިލުވުމުވަށްޓަކާ އިމާރާތުގައި ތެއްކަމެއްނެތި އެތަނުގައި ޖަހާ އުވަ ފުރިހަމައަށް ހިކުމަށްޓަކާ ވަގުތު ބޭނުންވޭ." މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.

މާލެ ހުކުރު މިސްކިތުގެ މުންނާރާއި ފެންވަޅުތަކުގެ އާބާތުރަފިލުވުމުގެ މަސައްކަތް ސްޓެލްކޯއާއިއެކު ފަށާފައިވާއިރު، ދާދި ފަހުން ހެރިޓެޖް މިނިސްޓްރީއިން ވަނީ، ހުކުރު މިސްކިތުގައި ކަތުރުފަނި އެޅިޔަ ނުދިނުމައްޓަކައި ސަރވޭކޮށް ޓްރީޓްމަންޓް ދީފައެވެ. މީގެ އިތުރުން މި މިސްކިތް ހިމާޔަތްކުރުމަށް އިންޑިއާ ސަރުކާރާއިއެކު 2 އަހަރު ދުވަހުގެ އެއްބަސްވުމެއގައިވެސް ސަރުކާރުން ވަނީ ސޮއިކޮށްފައެވެ.

މާލޭ ހުކުރު މިސްކިތަކީ ދިވެހީންގެ އިސްލާމީ ވަޙުދަތާއި، ދިވެހީންގެ ހުނަރުވެރިކަމާއި ފަންނުވެރިކަން ދައްކުވައިދޭ އެންމެ ދުވަސްވީ އެއް ބިނާއެވެ. އައްސުލްޠާން އިބްރާހީމް އިސްކަންދަރު 1 ގެ އަމުރުފުޅަކަށް މީލާދީން 1656 ގައި ބިނާކުރެވުނު މި މިސްކިތަކީ ދުނިޔޭގެ އެހެން އެއްވެސް ޤައުމަކުން ނުފެންނަ ފަދަ ހިރިގަލުގެ ފުރިހަމަ މަސައްކަތް ފެނިގެންދާ ބިނާއެކެވެ.

ރާއްޖޭގައި ހިރިގަލުން އިމާރާތްކޮށްފައިވާ މަދު މިސްކިތްތަކުގެ ތެރޭގައި ހިމެނޭ ހުކުރު މިސްކިތް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އެތަނަށް ލިބިފައިވާ ގެއްލުންތައް މަރާމާތު ކުރުމުގެ މަސައްކަތް ޔުނެސްކޯއާއި އިންޑިއާ ސަރުކާރާއި ގުޅިގެން ދަނީ ކުރަމުންނެވެ.