ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތަހުގީގަށް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދޮގު މައުލޫމާތު ދެއްވާފައިވާތީއާއި ތަހުގީގަށް ހުރަސް އަޅުއްވާފައިވާތީވެ، އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާކޮށްދެއްވުން އެދި މަރު ކޮމިޝަނުން ޕީޖީ އޮފީހަށް މައްސަލަ ފޮނުވައިފިއެވެ.
މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު، އެކޮމިޝަނުން ތައްޔާރުކުރި ޑރ.އަފްރާޝީމް ޢަލީގެ މަރާ ގުޅޭގޮތުން ތައްޔާރުކުރި ރިޕޯޓުގައި ޝަހީމްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެއެވެ. އެގޮތުން މަރު ކޮމިޝަނަށް ޝަހީމް ދެއްވާފައިވަނީ ދޮގު ބަޔާނެއްކަމަށް ކޮމިޝަނުގެ ރިޕޯޓުގައިވެއެވެ.
ޝަހީމްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކުރާއިރު، ޝަހީމް ވިދާޅުވެފައިވަނީ އޭނާގެ މައްޗަށް ކުރަނީ ދޮގު ތުހުމަތުތަކެއްކަމަށެވެ. އަދި މިއީ އޭނާގެ މަސައްކަތަށް ހުރަސް އަޅާ، ސިޔާސީ މުސްތަޤްބަލް ދުއްވާލުމަށް ކުރާ މަސައްކަތެއްކަމަށް ޝަހީމް ތުހުމަތުކުރެއްވިއެވެ.
އަފްރާޝީމްގެ މަރުގެ މައްސަލައިގައި ދޮގު މަޢުލޫމާތުތަކެއް ދީފައިވާކަމަށް ބުނެ ޝަހީމްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާއިރު، އެ މައްސަލައިގައި މުހައްމަދު މަޒީދު އާދި ސާމިތު މުހައްމަދު ނަމަކަށް ކިޔާ މީހެއްގެ މައްޗަށްވެސް ދައުވާކުރަން މަރު ކޮމިޝަނުން ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.އަފްރާޝީމް ޢަލީ ރަހުމުކުޑަ ގޮތަކަށް އަވަހާރަކޮށްލާފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ 2 ވަނަ ދުވަހުގެ ރޭ ދަންވަރު 1:30 ހާއިރު، އޭނާ ދިރިއުޅުއްވާ ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގައެވެ.
ޑރ.އަފްރާޝީމް އަވަހާރަކޮށްލާފައިވާއިރު އެ މައްސަލާގައި މިހާތަނަށް ދައުވާ ސާބިތުވެފައިވަނީ ހެންވޭރު ލޮބީ ހުސެއިން ހުމާމްގެ މައްޗަށް އެކަންޏެވެ.