ޚަބަރު

ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ފަށައިފި


ރާއްޖެ އެތެރެކޮށް ވިއްކާ ޑޮކްޓަރީ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކުރުމުގެ މަސައްކަތް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ފަށައިފިއެވެ.އެއޮތޯރިޓީން ބުނީ ރާއްޖެ އެތެރެކޮށް ވިއްކާ ޑޮކްޓަރީ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކުރުމުގެ ގޮތުން ބޭހުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު މޮނިޓަރ ކުރުމާއި ބޭސް ޓެސްޓްކުރުމުގެ މަސައްކަތް އެއޮތޯރިޓީން ފަށާފައިވާކަމަށެވެ.ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އޮފިޝަލެއްކަމަށްވާ އައިޝަތު މުޙައްމަދު ވިދާޅުވީ މިހާތަނަށް ބޭސް ޓެސްޓްކުރުމުގެ މަސައްކަތްކުރަމުން އައިސްފައިވަނީ އެއޮތޯރިޓީގެ ލެބޯޓްރީގައި ވަރަށް މަދު އައިޓަމްތަކެއްކަމަށެވެ. އެހެންކަމުން މިކަން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ތައިލެންޑްގެ ލެބޯޓްރީއަކާއި ގުޅިގެން ޓެސްޓްތައް ކުރުމަށް މިހާރުވެސް ބައެއް ސާމްޕަލްތައް ނަގާފައިވާކަމަށެވެ.އައިޝަތު މުޙައްމަދު ވިދާޅުވީ ރާއްޖެއަށް ބޭސް އެތެރެކުރާ ޕޯޓްތަކާއި، ފާމަސީތަކާއި، ގުދަންތަކުގެ އިތުރަށް ކުރިއަށްއޮތްތާގައި ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުން ސާމްޕަލް ނަގާ ޓެސްޓްކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މިގޮތުން ފުރަތަމަ މަރުޙަލާގައި ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކުރުމަށްޓަކައި އެސެންޝަލް މެޑިކަލް ލިސްޓުގައި ހިމެނޭ ބޭހުގެ ތެރެއިން އެންމެ އާއްމުކޮށް ބޭނުންކުރާ ބޭސް ޓެސްޓް ކުރާނެކަމަށް އެފަރާތުން ބުނެއެވެ. އަދި ބޭހުގެ ރައްކާތެރިކަމާއި ފެންވަރާމެދު ޝައްކު އުފެދޭނަމަ އެބޭހެއްވެސް ޓެސްޓްކުރެވޭނެކަމަށް އެއޮތޯރިޓީން ބުނެއެވެ.އެއޮތޯރިޓީން ބުނީ މިއާއެކު ރާއްޖޭގައި ބޭނުންކުރެވޭ ބޭސްތައް އިތުރަށް ރެގިއުލޭޓްކުރެވި ބޭސްތަކުގެ ރައްކާތެރިކަން އިތުރުކުރެވިގެންދާނެ ކަމަށެވެ.