ކުޅިވަރު

މެޗުގައި ދިމާވި މައްސަލައަކީ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވުން: ސެގާޓް


13 ވަނަ ސައުތް އޭޝިއަން ގޭމްސްގައި ދިވެހިރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުގައި ރާއްޖެއަށް ދިމާވި ހަމައެކަނި މައްސަލައަކީ ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވުން ކަމަށް، ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޕީޓަރ ސެގާޓް ބުނެފިއެވެ.

ކަތުމަންޑޫގެ ދަސްރަތު ސްޓޭޑިއަމްގައި، ބަންގްލަދޭޝްގެ ޓީމާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗު އެއްވަރުވީ 1-1 އިންނެވެ. މި މެޗުގެ ބަންގްލަދޭޝްގެ ލަނޑަކީ ރާއްޖޭގެ ކެޕްޓަން އަކުރަމް ޢަބްދުޣަނީ ގައިގަ ޖެހިފައި ބައިކޮޅަށް ވަތް ލަނޑެކެއެވެ. އަދި މި މެޗުން ރާއްޖެ ބަލިނުވެ ސަލާމަތްކޮށްދިން ލަނޑު 70 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިބްރާހީމް މަހުދީ ޙުސައިންއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޕީޓަރ ސެގާޓް ބުނީ، މެޗުގައި ދިވެހި ޓީމުން ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި، ދިމާވި ހަމައެކަނި މައްސަލައަކީ ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވުން ކަމަށެވެ. ސެގާޓް ބުނީ ލިބުނު ފުރުސަތުތަކުގެ ބޭނުން ކުރެވުނު ނަމަ މެޗުގެ ނަތީޖާ ރާއްޖެ ކޮޅަށް އެނބުރުނީސް ކަމަށާއި، މެޗުގެ އެންމެ ފަހު ވަގުތާއި ހަމައަށްވެސް މެޗުން މޮޅުވާން ކުޅުންތެރިން ކުރި މަސައްކަތަށް ތަޢުރީފް ކުރާކަމަށެވެ.

ރާއްޖޭގެ ލަނޑަށް ފަހު ގާތްގާތުގައި ލަަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ދިވެހި ޓީމަށް ވަނީ ލިބިފައެވެ. ރާއްޖޭން މެޗުގެ ނަތީޖާ ހަމަހަމަކުރި ފަހުން ބަންގްލަދޭޝަށް ވަނީ ޕެނަލްޓީ އޭރިޔާ ބޭރުން ރަނގަޅު ހިސާބަކުން ހިލޭ ޖެހުމެއް ލިބިފައެވެ. ގޯލުގެ އަރިމަތީ ކަނަށް އަމާޒުކޮށް ބަންގްލަދޭޝުން ފޮނުވާލި ބާރު ބޯޅަ ރާއްޖޭގެ ކީޕަރ ޝަރީފް ވަނީ ހުޝިޔާރު ކަމާއެކު ދިފާޢުކޮށްފައެވެ. ކޯޗު ސެގާޓްވެސް ވަނީ ކީޕަރ ހުސައިން ޝަރީފްގެ ކުޅުމަށް ތަޢުރީފްކޮށް ވާހަކަ ދައްކާފައެވެ.

" މި މެޗުގައި ރާއްޖޭން ވަރަށް ރަނގަޅު ކުޅުމެއް ދެއްކި، ދިމާވި ހަމައެކަނި މައްސަލައަކީ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވުން. ދެން ކުރިޔަށް އޮތް ބޫޓާން މެޗު ކާމިޔާބުކޮށްގެން ފައިނަލަށް ދިއުމުގެ އުންމީދު އާ ވެގެންދާނެ." ސެގާޓް ބުންޏެވެ.

މުބާރާތުގައި ރާއްޖެ ދެން މެޗެއް ކުޅޭނީ މާދަމާ އެވެ. ބޫޓާނާ ދެކޮޅަށް ކުޅޭ މި މެޗު ފަށާނީ ރާއްޖެ ގަޑިން މެންދުރު 12:15 ގަ އެވެ. ލީގު ބުރުގެ ފަހު މެޗުގައި ރާއްޖެ އަންނަ ހޮނިހިރު ދުވަހު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.