ޚަބަރު

ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީއަށް ފަނޑިޔާރު ސަމީރު


ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް، ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރު މިއަދު އިންތިޚާބުކޮށްފިއެވެ.

ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރު، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބު ކުރީ، ކުރިން އެ މަގާމުގައި ހުންނެވި ފަނޑިޔާރު، އަލްއުސްތާޛު ޢަބްދުއްރައޫފު އިބްރާހިމް، މި މަހުގެ އެއްވަނަ ދުވަހު ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާ ދެއްވުމުންނެވެ.

ޢަލީ ސަމީރަކީ މިޞްރުގެ އަލްއަޒުހަރު ޔުނިވަރސިޓީ އިން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރެއްވުމަށްފަހު، މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ކޮމްޕަރޭޓިވް ލޯ އިން މާސްޓަރސް ޑިގްރީ ޙާޞިލު ކުރައްވާފައިވާ ބޭފުޅެކެވެ. ފަނޑިޔާރު ސަމީރު މީގެ ކުރިން ވަނީ ޖިނާއީ ކޯޓުގެ ސެކްރެޓެރީކަމާއި، މަދަނީ ކޯޓުގެ ސީނިއަރ އެޑްމިން އޮފިސަރުކަމާއި، މަދަނީ ކޯޓުގެ ޤާޟީކަމާއި، މަދަނީކޯޓުގެ އިސް ޤާޟީކަމާއި، ސިވިލްކޯޓުގެ އިސް ޤާޟީކަން ކުރައްވާފައިވެއެވެ.

ފަނޑިޔާރު ސަމީރު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަނުކޮށް މަޤާމުގެ ހުވާ ކުރައްވާފައިވަނީ 2011 ވަނަ އަހަރުގެ މާރޗް 26 ވަނަ ދުވަހުއެވެ.