ޚަބަރު

ވިއްސާރައިގައި ހދން ވަގުތީ ހިޔާތަކަށް ބަދަލުކުރި އާއިލާތަށް އާންމު ޙާލަތަކަށް


މިމަހުގެ 1 ވަނަ ދުވަހު ކުޅުދުއްފުއްޓަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން ވަގުތީ ހިޔާތަކަށް ބަދަލުކުރި 3 ޢާއިލާ ޢާންމު ޙާލަތަށް އާދެވިފައިކަމަށާއި، އެމީހުން އަނބުރައި ގޭގެއަށް ބަދަލުކޮށްފިކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ޙަސަން ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ދިރިއުޅެން ދަތިވާ ވަރަށް ފެނުގެ އަސަރު އެންމެ ބޮޑަށް ކުރި ތިން ގޭގެ ތެރެއިން ދެ ޢާއިލާއަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށެވެ. އެ ދެ ޢާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައިވަނީ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ އެހީއާއެކު އެވެ. ވަގުތީގޮތުން އެ ދެ ޢާއިލާ ބަދަލުކޮށްފައިވަނީ ގެސްޓްހައުސްއަކަށެވެ. އަދި އަނެއް އާއިލާ ބަދަލުވީ އެމީހުންގެ ތިމާގެ މީހުންގެ ގެއަކަށެވެ.

އެދުވަހު ފެންބޮޑުވުމުގެ ސަބަބުން އެރަށު އެހެނިހެން ބައެއް ގޭތަކަށްވެސް ފެންވަދެ ގެއްލުން ތަކެއް ލިބިފައިވެއެވެ. ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް ޙަސަން ވިދާޅުވީ ފެންބޮޑުވުމުގެ ޙާދިސާ އާ ގުޅިގެން 20 ގެޔަކަށް ފެންވަދެގެން އެދުވަހު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ވިއްސާރައާ ގުޅިގެން ހދ ނޮޅިވަރަންފަރުގެ ބައެއް ގެތަކުން މީހުން ބަދަލު ކުރަން ޖެހުނެވެ. އެރަށު ކައުންސިލް އޮފީހުން ބުނީ އެރަށު 50 ގެއަކަށް ފެންވަދެފައިވާކަމަށާއި، 4 ގެއަކުން މީހުން ބަދަލު ކުރަންޖެހުނު ކަމަށެވެ. އެރަށުގައި ބަދަލުކުރި 4 އާއިލާވެސް ބަދަލު ވެފައިވަނީ އެމީހުންގެ އާއިލާގެމީހުންގެ ގެތަކަށެވެ. ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހިމް ވިދާޅުވީ ފެނުގެ އަސަރުކޮށްގެން ގޭގައި ނޫޅެވޭވަރުވި ގެތަކުގެ މީހުން އެގެތަށް ސާފުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެމަސައްކަތް ނިމުމުން އެމީހުން އެގެތަކަށް ބަދަލުވާނެއެވެ.

މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މިމަހުގެ 1 ވަނަ ދުވަހު ހދ ނޮޅިވަރަންފަރު އަދި ކުޅުދުއްފުއްޓަށް ލިބުނު ގެއްލުމާގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކުގެ ޙާލަތު ނައިބް ރައީސް ވަނީ ބައްލަވައިލައްވާފައެވެ. އެގޮތުން އެދެރަށުގެ ކައުންސިލަރުންނަށް ނައިބްރައީސް ފައިސަލް ފޯނުން ގުޅުއްވާ ހާލަތު ބައްލެވިކަމަށް ކައުންސިލްތަކުން ވަނީ މަޢުލޫމާތު ދީފައެވެ.