ޚަބަރު

ލޮނުޒިޔާރަތްކޮޅުގައި ތަރައްޤީކުރާ ޕާކު އަންނަމަހު ހުޅުވުމަށް މަސައްކަތްކުރަނީ


މާލެ ލޮނުޒިޔާރަތްކޮޅުގައި ތަރައްޤީކުރާ ޕާކް ނުހުޅުވި ލަސްވަނީ، ބިޑްކޮށްގެން ގެނަންޖެހޭ ތަކެތި ނުގެނެވޭތީކަމަށާއި އަންނަމަހު ޕާކު ހުޅުވުމަށް މަސައްކަތްކުރަމުންދާކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ލޮނުޒިޔާރަތްކޮޅުގައި ތަރައްޤީކުރާ ޕާކުގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާއި ހިއްސާކުރައްވަމުން، މާލެ ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުހައްމަދު ވިދާޅުވީ އަންނަމަހު ޕާކް ހުޅުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. ސިފާ ވިދާޅުވީ ޖަޒީރާވަންތަ ފެހި ކޮންސެޕްޓަކަށް ތަރައްޤީކުރާ ޕާކްގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށާއި ނުނިމި އޮތީ ޕާކްގައި ޤާއިމުކުރާ ހަޓްތަކާއި އިންޓަކަނެކްޓިން ކުޑަ ބްރިޖެއްގެ މަސައްކަތްކަމަށެވެ. މި މަސައްކަތް ނުނިމިގެން އުޅެނީ ބިޑްކޮށްގެން ގެންނަންޖެހޭ ތަކެތި ނުގެނެވިގެން ފާހަގަކުރައްވާ ސިފާ ވިދާޅުވީ ސިޓީ ކައުންސިލްގެ ބިޑް ކޮނިޓީން މި ތަކެތި ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރ ވިދާޅުވީ ލޮނުޒިިޔާރަތްކޮޅުގައި 12 ފާޚާނާއެއް އިމާރާތްކޮށްފައިވާއިރު، މި ފާޚާނަތަކަކީ ޒަމާނީ ވަސީލަތްތަކާއިއެކު ތަރައްޤީކޮށްފައިވާ ފާޚާނާތަކެއްކަން ފާހަގަކުރައްވާފައެވެ. މީގެ ތެރޭގައި ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޙާއްސަކޮށްފައިވާ 4 ފާހަނައެއް ހުންނާނެކަންވެސް ސިފާ ފާހަގަކުރެއްވިއެވެ.

މެލެ ސިޓީ ކައުންސިލުން ކުރި ޓުވީޓް

ސިފާ ވިދާޅުވީ ޕާކު ހުޅުވުމުގެ މަސައްކަތާއެކު ޕާކްގައި މަސައްކަތްކުރާނެ މުއައްޒަފުން ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އެގޮތުން މުއައްޒަފުންގެ ގޮތުގައި ދިވެހިން ނެގުމަށް އިސްކަންދޭއިރު، މީގެ ތެރޭގައި މަސައްކަތު މީހުންނާއި، ގަސްތަށް ބަލަހައްޓަން ނަގާ ތަޖުރިބާކާރުން ހިމެނެއެވެ.

މެލެ ސިޓީ ކައުންސިލުން ކުރި ޓުވީޓް

މާލޭ ސިޓީ ކައުންސިލުން ލޮނުޒިޔާރަތްކޮޅު ތަރައްޤީކުރުމަށް ހަމަޖައްސާފައިވަނީ އެ ތަނުގައި ބޮޑެތި ޢިމާރާތްތައް ނާޅާގޮތަށެވެ. އެހެންނަމަވެސް އެތަންތަނަށް ޒިޔާރަތްކުރާ މީހުންނަށް ކާބޯތަކެތި ގަނެވޭގޮތަށް ކުދިކުދި ތަންތަން ހަދާނެކަމަށާ، މިކަންވެސް ކުރާނީ ބީޗް ކޮންސެޕްޓް ނުގެއްލޭގޮތަށް ކަމަށް ސިޓީ ކައުންސިލުން މަޢުލޫމާތުދެއްވައެވެ.