ކުރިމިނަލް ކޯޓުގެ އިސް ޤާޟީ އަހްމަދު ހައިލަމް އިސްތިއުފާ ދެއްވައިފިއެވެ. ހައިލަމް އިސްތިއުފާ ދެއްވާފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް މަޢުލޫމާތު ލިބެއެވެ.
ޤާޟީ އަހްމަދު ހައިލަމް އިސްތިއުފާދެއްވާފައި މިވަނީ އޭނާ އޭނާގެ މަށްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާކަމަށް ޖުޑީޝަލް ސާރވިސް ކޮމިޝަނުން ނިންމާ މަޤާމުން ވަކިކޮށްދިނުމަށް މަޖީހަށް ހުށައަޅާފައިވަނިކޮށެވެ. އަދި އެ ނިންމުން ދިރާސާކޮށް ޤާޟީ ހައިލަމް މަޤާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީންވެސް ވަނީ ފާސްކޮށްފައެވެ.
އިސްތިއުފާދެއްވިކަން ހާމަކޮށް ޤާޟީ ހައިލަމް ފޮނުއްވި ސިޓީގައި ވަނީ އޭނާ މަޤާމުން ވަކިކުރުމަށް ނިންމާފައިވާ ނިންމުމަކީ ޤާނޫނު އަސާސީއާއި ޖޭއެސްސީގެ ޤާނޫނާއި ހިލާފު ނިންމުމެއްކަމަށެވެ. އަދި އެ ނިންމުމަކީ ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ކަމަށް ބުނެ ސިއާސީ ބައެއްގެ މުށު ތެރެއަށް ޝަރުއީ ދާއިރާއަށް ލުމަށް ކުރަމުން އަންނަ މަސައްކަތެއްކަމަށްވެސް ހައިލަމް ވަނީ ތުހުމަތުކުރައްވާފައެވެ.
ސުލޫކީ މައްސަލައަކާއި ގުޅިގެން ހައިލަމް މިހާތަނަށް ހުންނެވީ ސަސްޕެންޑްކޮށްފައެވެ. އޭނާ ސަސްޕެންޑްކޮށްފައި ހުރީ ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިއުމަށް މެސެޖެއްގެ ގޮތުގައި ވައިބާ ގްރޫޕަކަށް ފޮނުއްވި ފޮޓޯއެއްގެ މައްސަލައެއްގައެވެ. އެފޮޓޯގައި ދައްކުވައިދީފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނުޖަހާ ދަމާފައި ގެންދާ މަންޒަރެވެ.
ޤާޟީ ހައިލަމްގެ ސުލޫކީ މައްސަލަ ބަލަން ނިންމައި ޖޭއެސްސީއަށް ޙާޒިރުވުމަށް އެންގުމުން އެ ކޮމިޝަނަށް ޙާޒިރުވެވަޑައިގަތުމަށް އުޒުރުވެވަޑައިގަންނަވާކަން ސިޓީއަކުން ހައިލަމް ވަނީ އަންގަވާފައެވެ. އަދި އެ ކޮމިޝަނަށް ހާޟިރުނުވުމަށް ހައިލަމް ދީފައިވާ ސަބަބަކީ މަޤުބޫލު ސަބަބެއް ނޫންކަމަށް ޖޭއެސްސީން ވަނީ ހާމަކޮށްފައެވެ.