ކުޅިވަރު

ކާާމިޔާބު ކޭމްޕަކަށްފަހު ފިރިހެނުންގެ ޤައުމީ ބާސްކެޓު ޓީމާއި އަންހެނުންގެ ޤައުމީ ބާސްކެޓު ޓީމު ނޭޕާލަށް


ޗައިނާގައި ކާމިޔާބު ކޭމްޕެއް ފުރިހަމަ ކުރުމަށްފަހު، ފިރިހެނުންގެ ޤައުމީ ބާސްކެޓު ބޯޅަ ޓީމާއި އަންހެނުންގެ ޤައުމީ ބާސްކެޓު ބޯޅަ ޓީމު ނޭޕާލަށް ހިގައްޖެއެވެ.
ޗައިނާގައި ދެ ޓީމު ކޭމްޕު ކުރީ، ނޭޕާލަކީ ފިނި ޤައުމަކަށް ވާތީ ފިއްޏަށް ހޭނުމުގެ ގޮތުންނެވެ.
ނޭޕާލްގައި މިހާރު ކުރިއަށްގެންދާ ސައުތް އޭޝިއަން ގޭމްސަށް ތައްޔާރުވުމަށް ފިރިހެނުންގެ ޤައުމީ ބާސްކެޓު ޓީމު މީގެ ކުރިން ވަނީ ސިންގަޕޫރްގައިވެސް ކޭމްޕްކޮށްފައެވެ. ޗައިނާ ކޭމްޕުގައި ފިރިހެނުންގެ ޓީމު ވަނީ 3 މެޗު ކުޅެފައެވެ. މި 3 މެޗުން ވެސް ޤައުމީ ޓީމު ވަނީ ބަލިވެފައެވެ.

ކޭމްޕުގެ ފުރަތަމަ މެޗުގައި ޗައިނާގެ ކުންމިންގެ ސަންޝައިން ގުރޫޕް އޮފް ޔުނާން ޔުނިވަރސިޓީ އޮފް ފައިނޭސް އެންޑް އިކޮނޮމިކްސް ޓީމާ ވާދަކޮށް ބަލިވީ އެންމެ ޕޮއިންޓެއްގެ ތަފާތުންނެވެ. އެއީ 61 ޕޮއިންޓް 60 ޕޮއިންޓުންނެވެ. ދެވަނަ މެޗުގައި ޤައުމީ ޓީމު ނުކުތީ ޗައިނާގެ ކުންމިންގެ ޔުނާން ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލިޖީ ޓީމާ ދެކޮޅަށެވެ. މިމެޗުން ޤައުމީ ޓީމު ބަލިވީ 65 ޕޮއިންޓް 31 ޕޮއިންޓުންނެވެ.

ޗައިނާގެ ކޭންޕްގެ ފަހު މެޗްގައި ރާއްޖޭގެ ޓީމު ވާދަކުރީ މިކޭންޕްގައި އެންމެ ފުރަތަމަ ކުޅުނު ސަންޝައިން ގުރޫޕް އޮފް ޔުނާން ޔުނިވަރސިޓީ އޮފް ފައިނޭސް އެންޑް އިކޮނޮމިކްސް ޓީމާއެވެ. މިމެޗުން ދިވެހި ޓީމު ބަލިވީ 65 ޕޮއިންޓް 58 ޕޮއިންޓުންނެވެ. 3 މެޗުން ޤައުމީ ފިރިހެން ޓީމު ބަލިވީ ނަމަވެސް މި 3 މެޗްގައި ޤައުމީ ޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަކަމަށް ފިރިހެނުންގެ ޤައުމީ ބާސްކެޓު ޓީމުގެ ކޯޗް އެލެގްޒެންޑަރ ކޯރޭ ބެލްސާރ ބުންޏެވެ. ކޯޗް ބުނީ ސިންގަޕޫރު ކޭމަޕާއި ޗައިނާ ކޭމްޕުގެ ސަބަބުން ޓީމަށް ވަރަށް ބޯޑު އިތުބާރެއް މިހާރު ލިބިފައިވާކަމަށެވެ. އަދި ނޭޕާލުގެ ފިނީގައި ކުޅެން މިހާރު ކުޅުންތެރިންނަށް އެހާ އުދަގޫ ނުވާނެކަމަށްވެސް ކޯޗު ބެލްސާ ބުންޏެވެ.

“އެއްވެސް މީހަކު އަދި އެއްވެސް ކުޅުންތެރިއަކުވެސް މެޗްތަކުން ބަލިވާކަށް ބޭނުމެއް ނުވާނެ. ގައިމުވެސް ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތް ކުރި. މިއީ އެހެން ޓީމްތަކުން ނުކުރާ ވަރުގެ މަސައްކަތެއް. މެޗްތަކުން ބަލިވުމަކީ އަދި މުޅިން އެހެންކަމެއް. މި ކޭމްޕުތަކުގައި ވާދަކޮށްފައިވަނީ ގޭމްސްގައި ވާދަކުރާ ޓީމުތަކަށް ވުރެ ވަރުގަދަ ޓީމްތަކާ" ކޯޗް އެލެގްޒެންޑަރ ކޯރޭ ބެލްސާރ ބުންޏެވެ.

އަންހެނުންގެ ޤައުމީ ބާސްކެޓް ޓީމު ނޭޕާލަށް ދިޔައީ ޗައިނާގައި ކުޅުނު 3 މެޗުގެ ތެރެއިން 2 މެޗު ކާމިޔާބުކޮށްފައެވެ. ފުރަތަމަ މެޗު ދިވެހި ޓީމުން ކާމިޔާބުކުރީ ޗައިނާގެ ސަންޝައިން ގުރޫޕް އޮފް ޔުނާން ޔުނިވަރސިޓީ އޮފް ފައިނޭސް އެންޑް އިކޮނޮމިކްސް ޓީމާ ވާދަކޮށް 61 ޕޮއިންޓް 26 ޕޮއިންޓުންނެވެ. މިޓީމްއަކީ މިޔުނިވާސިޓީގެ ދެވަނަ ޑިވިޝަންގެ ޓީމެކެވެ. ކޭމްޕުގެ ދެވަނަ މެޗުން އަންހެނުންގެ ޤައުމީ ބާސްކެޓް ޓީމުވަނީ ބަލިވެފައެވެ. އެއީ ޗައިނާގެ ސަންޝައިން ގުރޫޕް އޮފް ޔުނާން ޔުނިވަރސިޓީ އޮފް ފައިނޭސް އެންޑް އިކޮނޮމިކްސްގެ ޗެންޕިއަން ޓީމްއާއި ވާދަކޮށް 4 ޕޮއިންޓްގެ ތާފާތުންނެވެ. އެއީ 53 ޕޮއިންޓް 49 ޕޮއިންޓުންނެވެ.
ކޭމްޕުގެ ތިންވަނަ މެޗް ޤައުމީ ޓީމުން ކާމިޔާބުކުރީ ދެވަނަ މެޗުގައި ވާދަކުރި ޗައިނާގެ ސަންޝައިން ގުރޫޕް އޮފް ޔުނާން ޔުނިވަރސިޓީ އޮފް ފައިނޭސް އެންޑް އިކޮނޮމިކްސްގެ ޗެންޕިއަން ޓީމާއި ވާދަކޮށެވެ. އެއީ 53 ޕޮއިންޓް 49 ޕޮއިންޓުންނެވެ. ޗައިނާގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް އަންހެނުންގެ ޤައުމީ ޓީމު ނޭޕާލަށް ދިޔައީ ވަރަށް އިތުބާރާއެކުއެވެ. އަދި މިހާރު ނޭޕާލުގެ ފިނީގައި ކުޅެން ކުޅުންތެރިން ހޭނިފައިވާކަމަށްވެސް ޤައުމީ ޓީމުގެ ކުޅުންތެރިން ބުންޏެވެ.