ޚަބަރު

ޕޯސްޓުން ރާއްޖެ އެތެރެކުރަން އުޅުނު ޕާޓީ ޑްރަގްސްތަކެއް ކަސްޓަމްސް އިން ހިފަހައްޓައިފި


ތަފާތު 5 ފަހަރެއްގެ މަތިން ޕޯސްޓުގެ ޒަރިއްޔާއިން ރާއްޖެ އެތެރެކުރަން އުޅުނު 131 ގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސްއިން ހިފަހައްޓައިފިއެވެ.

މިތަކެތި ކަސްޓަމްސްއިން އަތުލައިގެންފައިވަނީ ޕާރުސަލްތައް ބަލާފާސްކުރުމުގެ ތެރޭގައި 24 ސެޕްޓެމްބަރ 2019 ގައިކަމަށް ކަސްޓަމްސް އިން މަޢުލޫމާތުދެއެވެ. ތަފާތު 5 ފަހަރެއްގެ މަތިން ކަސްޓަމްސްއިން އަތުލައިގެންފައިވަނީ ޕާޓީ ޑްރަގްސްތަކެކެވެ. މީގެ ތެރޭގައި ގުޅައާއި، ސްޓޭމްޕާއި، ކްރިސްޓަލް އާއި ޕައުޑަރ ހިމެނެއެވެ.

ކަސްޓަމްސްއިން އަތުލައިގެން މަސްތުވާތަކެތީގެ ތެރޭގައި ނެދަރލެންޑްސްއިން އެތެރެކުރަން އުޅުނު 4 ގްރާމްގެ އެމް.ޑީ.އެމް.އޭއާއި ގްރޭޑް ބްރިޓަންއިން އެތެރެކުރަން އުޅުނު 4 ގްރާމްގެ އެލް.އެސް.ޑީއާއި، 33 ގްރާމާއި 58 ގްރާމްގެ އެމް.ޑީ.އެމް.އޭ ކްރިސްޓަލްގެ އިތުރުން އިނގިރޭސިވިލާތުން އެތެރެކުރަން އުޅުނު 32 ގްރާމްގެ އެމްފެޓަމިން ހިމެނެއެވެ.

މިތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް ދެލައްކަ ހަތްދިހަ އަށްހާސް ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭކަމަށް ކަސްޓަމްސްއިން ބުނެއެވެ. އަތުލައިގަނެވުނު މަސްތުވާތަކެއްޗާއެކު މި މައްސަލަ އިތުރަށް ތަޙްޤީޤުކުރުމަށްޓަކާ ފުލުހުންނާއި ހަވާލުކޮށްފައިވާކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.