ކުޅިވަރު

ސައުތު އޭޝިއަން ގޭމްސް: ރާއްޖެ އާއި ލަންކާ ބައްދަލުކުރި މެޗު އެއްވަރު


13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓްގައި ދިވެހިރާއްޖެ އާއި ސްރީ ލަންކާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ. ނޭޕާލުގެ ކަތުމަންޑޫގެ ދަސާރާތު ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުންނެވެ.

މި މެޗަށް ދިވެހި ޓީމު ނުކުތީ ސީނިއަރ ޓީމުން 23 އަހަރުން ދަށުގެ ޤައުމީ ޓީމަށް ނެގި އަކްރަމް ޢަބްދުލްޣަނީ އާއި ހަމްޒާ މުޙައްމަދާއި އިބްރާހީމް މަހުދީ ޙުސައިން ހިމަނައިގެންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ދިވެހި ޓިމުން ވަނީ ރަނގަޅު ކުޅުމެއް ދައްކާ ލަނޑު ޖަހާނެ ފުރުސަތުތައްވެސް ތަނަވަސްކޮށްފައެވެ. އެގޮތުން ނާޒިޒް ޙަސަން އަދި އިބްރާހީމް ފޮނުވާލި ހަމަލާތައް ސްރީ ލަންކާގެ ކީޕަރ ސުޖަން ޕެރޭރާ ވަނީ ދިފާއުކޮށްފައެވެ.

ރާއްޖޭން ދެ ވަނަ ހާފުގެ ކުރީކޮޅު ރިހާމް އަބްދުލްޣަނީ (ބޮބީ) ވަނީ ކުޅެން އަރުވާފައެވެ. މި ހާފުގައި ދިވެހި ޓީމުގެ ހަމްޕު އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ. އޭގެ ފަހުން އޭރިޔާ ބޭރުން ލިބުނު ހިލޭ ޖެހުން އިބްރާހީމް ވަހީދު ޙަސަން ފޮނުވާލުމުން އެ ބޯޅަ ބޭރަށް ދިޔައީ ގޯލުގެ ހުރަސް ދަނޑީގަވެސް ޖެހިފައެވެ.

މި މެޗުގެ 78 ވަނަ މިނެޓުގައި ލަންކާގެ ކުޅުންތެރިއަކަށް ވަނީ ރަތް ކާޑު ދައްކާފައެވެ. މިއާއެކު ލަންކާއިން 10 ކުޅުންތެރިންނާއެކު މެޗު ކުޅެމުންދިޔަ ވަގުތުވެސް ރާއްޖެއިން ވަނީ ލަންކާގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.

މި މެޗަކީ ޖެހިޖެހިގެން ލަންކާ އަތުން ރާއްޖެ އެއްވަރުވި ދެވަނަ މެޗެއެވެ. އެންމެ ފަހުން ބަނގްލަދޭޝްގައި ބޭއްވި ސާފް ސުޒުކީ ކަޕްގައި ލަންކާއާއި ރާއްޖެ ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

ގޭމްސްގެ ފުރަތަމަ މެޗުގައި މިއަދު ބޫޓާން އަތުން ބަނގްލަދޭޝް ވަނީ 1-0 އިން ބަލިވެފަ އެވެ. މާދަމާ ކުޅޭ މެޗުގައި ރާއްޖެ ކުޅޭނީ ބަނގްލަދޭޝްއާ ދެކޮޅަށެވެ. މެޗުގެ ކުޅުން ފަށާނީ ރާއްޖެ ގަޑިން ހަވީރު 16:15 ގައެވެ.