ކުޅިވަރު

ސައުތު އޭޝިއަން ގޭމްސް: ތިންވަނަ ހޮވަން ކުޅުނު މެޗުން ލަންކާ އަތުން ރާއްޖެ ބަލިވެއްޖެ


13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ އަންހެނުންގެ ވޮލީބޯޅަ އިވެންޓްގައި ތިންވަނަ ހޮވަން ކުޅުނު މެޗުން ސްރީ ލަންކާ އަތުން ދިވެހިރާއްޖެ ބަލިވެއްޖެއެވެ. މި މެޗުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ.

ކަތުމަންޑޫގެ ނެޝަނަލް ސްޕޯޓްސް ކައުންސިލް ކަވާޑް، ހޯލުގައި ކުޅުނު މި މެޗުގައި ލަންކާއި މެޗުގެ ސެޓުތައް ގެންދިޔައީ 25-13، 25-18 އަދި 25-08 އިންނެވެ.

މެޗުގެ ފުރަތަމަ ސެޓާއި ދެވަނަ ސެޓުގައި ދިވެހި ޓީމުގެ ފަރާތުންވަނީ ރަނގަޅު ކުޅުމެއް ފެނިގެންގޮސްފައެވެ. ނަމަވެސް ފަހު ސެޓުގައި ރާއްޖެ ޓީމުގެ ކުޅުން ފެނުނީ ފުރަތަމަ 2 ސެޓަށް ވުރެއް ބޮޑުތަން ދަށްކޮށެއެވެ. އަންހެނުންގެ ޤައުމީ ވޮލީބޯޅަ ޓީމު ވަނީ މި މުބާރާތުގެ ސެމީފައިނަލުގައި ވެސް ލަންކާއާ ދެކޮޅަށް ކުޅެފައެވެ. އެމެޗުންވެސް ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ.

ސައުތު އޭޝިއަން ގޭމްސަށް އަންހެނުންގެ ޤައުމީ ވޮލީބޯޅަ ޓީމު ދިއުމުގެ ކުރިން، ބަންގްލަދޭޝްގައި ބޭއްވި އޭވީސީ ސީނިއާ ވިމެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕުން ވަނީ ރިހި މެޑަލް ހޯދާފައެވެ. އަދި ގޭމްސްގެ ކުރިން ލަންކާގައި ޤައުމީ ޓީމު ވަނީ ކޭމްޕްވެސް ކޮށްފައެވެ.