ޚަބަރު

ގެމަނަފުއްޓާއި ނޮޅިވަރަމްގެ ސްކޫލުގައި އިތުރު ކްލާސްރޫމްތަކެއް އިމާރާތްކުރުމަށް ކުންފުންޏަކާ ހަވާލުކޮށްފި


ގއ.ގެމަނަފުށީ ސްކޫލާއި ހދ.ނޮޅިވަރަމް ސްކޫލުގައި އިތުރު ކްލާސްރޫމްތަކެއް އިމާރާތްކުރުމަށް ސުފިފްޓް އިންޖީނިއަރިންގް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙްމަދު ރިޔާޒެވެ. އަދި ސުފިފްޓް އިންޖީނިއަރިންގް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ސަޢުދުﷲ ހިލްމީއެވެ.

މިއަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މި މަޝްރޫޢުގެ ދަށުން، ގއ.ގެމަނަފުށީގައި 10 ކްލާސްރޫމް އިމާރާތްކުރުމަށް ކޮންޓްރެކްޓްކޮށްފައިވާއިރު، ހދ.ނޮޅިވަރަމް ސްކޫލްގައި 06 ކްލާސްރޫމް އިމާރާތްކުރުމަށް ވަނީ ކޮންޓްރެކްޓްކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ކުރި ޓުވީޓް

މި އެއްބަސްވުމުގެ ދަށުން ގއ.ގެމަނަފުށި ސްކޫލް 10 ކްލާސްރޫމް އިމާރާތްކުރުމަށް ހުށަހަޅުއްވާފައިވަނީ ނުވަ މިލިއަން ނުވަލައްކަ ނުވަސަތޭކަ އަށް ރުފިޔާ ހަތް ލާރިއެވެ. އަދި ހދ.ނޮޅިވަރަމް ސްކޫލުގެ 06 ކްލާސްރޫމް އިމާރާތްކުރުމަށް ހުށަހަޅުއްވާފައިވަނީ ހަތް މިލިއަން އެއްލައްކަ އަށްޑިހަ އެއް ހާސް ހަތްސަތޭކަ ތިރީސް ހަތަރު ރުފިޔާ ފަސްދޮޅަސް އެއް ލާރިއެވެ.

މި އެއްބަސްވުމުގެ ދަށުން، ސުފިފްޓް އިންޖީނިއަރިންގް ޕްރައިވެޓް ލިމިޓެޑްއިން މި ކްލާސްރޫމްތައް 1 އަހަރު ދުވަހުގެ ތެރޭގައި ނިންމަންޖެހޭނެއެވެ.