ސިޔާސީ

ތަޢުލީމާއި ނަފްސާނީ ޞިއްޙަތު ހިމެނޭހެން 4 ބިލެއް މަޖިލީހަށް ހުށަހެޅުމަށް ރައީސް އޮފީހަށް


ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކާ އެޓަރނީ ޖެނެރަލްގެ އޮފީހުން 4 ބިލެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފިއެވެ. އޭޖީ އޮފީހުން ރައީސް އޮފީހަށް ފޮނުވާފައިވާ 4 ބިލަކީ ތަޢުލީމުގެ ބިލާއި، މަތީ ތަޢުލީމުގެ ބިލާއި، ނަފްސާނީ ޞިއްޙަތުގެ ބިލްގެ އިތުރުން އެއްމެދު ޢިމާރާތުގެ ބިލެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާ ތަޢުލީމުގެ ބިލަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އުނގެނުމުގެ ޙައްޤު އޭގެ އެންމެ ފުރިހަމަގޮތުގައި ލިބިދިނުމަށްޓަކާ ޤާއިމުކުރަންޖެހޭ ޤާނޫނީ އޮނިގަނޑު ޤާއިމުކުރުމުގެ މަޤުޞަދުގައި ހުށަހަޅާ ބިލެއްކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ވިދާޅުވެއެވެ. އެގޮތުން މި ބިލުގައި ރާއްޖޭގެ ތަޢުލީމީ ނިޒާމު ބިނާވެފައިވާ އަސާސްތަކާއި އުނގެނުމާ ގުޅޭގޮތުން ދަރިވަރުންނަށް ލިބިދޭ ހައްޤުތަކާއި ދައުލަތާއި ބެލެނިވެރިންނާއި ޓީޗަރުންގެ ޒިންމާތައް ކަނޑައަޅާ، ރާއްޖޭގައި ތަޢުލީމުދިނުމާގުޅޭ އޭނުންވެސް ޢާންމު ހަމަތަކާއި އުސޫލުތައް ބަޔާންކޮށްފައިވާނެކަމަށް އޭޖީ އޮފީހުން ވިދާޅުވެއެވެ.

މަތީ ތަޢުލީމުގެ ބިލަކީ ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ތަރައްޤީކޮށް ކުރިއެރުވުމަށްޓަކާ މަތީ ތަޢުލީމުދޭ މަރުކަޒުތައް ރަޖިސްޓްރީކުރުމާއި، އެ މަރުކަޒުތައް ހިންގާނެ އުޞޫލުތައް ކަނޑައެޅުމުގެ މަޤުޞަދުގައި އެކުލަވާލާފައިވާ ބިލެކެވެ. މި ބިލުގައި މަތީ ތަޢުލީމުގެ ކަންކަން ވިލަރެސްކުރުމަށާއި، ރާއްޖޭގައި މަތީ ތަޢުލީމުދޭ މަރުކަޒުތައް މޮނިޓަރކޮށް، އެ މަރުކަޒުތަކުން ދޭ ޚިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކާ ސަރުކާރުގެ އިދާރާއެއް ޤާއިމުކޮށް، އެ އިދާރާގެ މަސްއޫލިއްޔަތުތަކާއި، ބާރުތައް ކަނޑައަޅާ، ދިވެހިރާއްޖޭގައި މަސައްކަތުގެ ތަޢުލީމާއި ތަމްރީން ދިނުމުގެ ހަރުދަނާ ނިޒާމެއް ރާވާއި، ހިންގުމާބެހޭ އުޞޫލުތައް ވަނީ ބަޔާންކޮށްފައެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމަށް ރައީސް އޮފީހަށް ފޮނުވާފައިވާ ތިންވަނަ ބިލަކީ ނަފްސާނީ ޞިއްޙަތުގެ ބިލެވެ. މިއީ ދިވެހިރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަން ކުރިއަރުވާ، ނަފްސާނީ ބަލިތަކަށް މުޖުތަމަޢު އަހުލުވެރިކޮށް އެފަދަ ބަލިތައް ތަޙައްމަލުކުރަމުންދާ ފަރާތްތަކަށް ދިވެހި ދައުލަތުގެ ޚަރަދުގައި ފަރުވާދިނުމުގެ ނިޒާމެއް ޤާއިމުކުރުމުގެ މަޤުޞަދުގައި އެކުލަވާލާފައިވާ ބިލެކެވެ. އެގޮތުން މި ބިލުގައި ނަފްސާނީ ބަލިތައް ތަޙައްމަލުކުރަމުންދާ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށް، ޙިމާޔަތްކުރުމާއި، އެފަދަ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަމާގުޅޭ އުޞޫލުތައް ބަޔާންކޮށްފައިވާއިރު، ނަފްސާނީ ބަލީގެ ފަރުވާއާއި އެފަދަ ފަރުވާއާގުޅޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ގެންގުޅެންޖެހޭ ހަމަތަކާއި އުޞޫލުތައް މި ބިލުގައި ހިމަނާފައިވެއެވެ.

ހަތަރުވަނަ ބިލެއްގެގޮތުގައި ރައީސް އޮފީހަށް ފޮނުވާފައިވަނީ އެއްމެދު ޢިމާރާތުގެ ބިލެވެ. މިއީ ދިވެހިރާއްޖޭގައި ބިނާކުރާ ޢިމާރާތްތައް، އެއްމެދު ޢިމާރާތްތަކެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދިނުމާގުޅޭ އުސޫލުތައް ކަނޑައެޅުމުގެ މަޤުޞަދުގައި އެކުލަވާލާފައިވާ ބިލެކެވެ. މި ބިލުގައި އެއްމެދު ޢިމާރާތެއްގައި ހިމެނޭ ވަކިވަކި ޔުނިޓްތައް، ވަކިވަކި ފަރުދުންނަށް ނުވަތަ ފަރާތްތަކަށް މިލްކުކުރެވޭނެގޮތާއި، އެތަންތަން ގަނެވިއްކާ، ކުއްޔަށްދީ، އަދި އެނޫންވެސް މުޢާމަލާތްތައް ކުރުމާގުޅޭ އުޞޫލުތައް ބަޔާންކޮށްފައިވެއެވެ. އަދި އެއްމެދު ޢިމާރާތެއްގެ ގޮތުގައި ރަޖިސްޓްރީކުރާ ބިމާއި، ޢިމާރާތުގެ ޢާންމު ސަރަޙައްދުތައް ބަލަހައްޓާ، ބޭނުންކުރާނެ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު މި ބިލާއެކު އެކުލަވާލެވިގެންދާނެކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ވިދާޅުވެއެވެ.