ޚަބަރު

ޔުނާން ޕްރޮވިންސުން ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ދިނުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި


ޗައިނާގެ ޔުނާން ޕްރޮވިންސުން ދިވެހިރާއްޖޭގެ ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތަށް ކުރެވުނީ ނާއިބު ރައީސް ފައިޞަލް ނަސީމުގެ އަރިހަށް، ޗައިނާގެ ޔުނާން ޕްރޮވިންސްގެ ‌‏ގަވަރުނަރު ރުއާން ޝެންގްފާ ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.

ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ނާއިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ޗައިނާއާއި ރާއްޖެއާ ދެމެދު މީގެ 47 އަހަރު ކުރިން ސިޔާސީ ގުޅުން ޤާޢިމުކުރިފަހުން ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ. ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖޭގައި ކުރިއަށްގެންދާ އަދި ހިންގާފައިވާ ބައެއް މަޝްރޫޢުތައް ފާހަގަކުރައްވައި. ނާއިބު ރައީސް ވިދާޅުވީ ކުރިމަގުގައިވެސް ޗައިނާގެ އެހީތެރިކަން އެގޮތުގައި ލިބެމުންދާނެކަމަށް އުންމީދުކުރައްވާކަމަށެވެ. މީގެ އިތުރުން، ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭ ކުރިއެރުންތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ޗައިނާ ދެމެދު އޮންނަ ގާތްގުޅުން ފާހަގަކުރައްވައި މި ގުޅުން އިތުރަށް ބަދަލި ކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވާރާކުރެއްވިއެވެ. ވިޔާފާރިއާއި އިޤްތިޞާދާއި ފަތުރުވެރިކަމާއި ދަނޑުވެރިކަމާއި ތަޢުލީމު އަދި ކުޅިވަރުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާމެދު ގަވަރުނަރުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

މީގެ އިތުރުން ގަވަރުނަރު ވަނީ ޔުނާން ޕްރޮވިންސުން ރާއްޖޭގެ ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް އިތުރުކުރުމާ ގުޅޭގޮތުންނާއި ދަނޑުވެރިކަމާ ކުޅިވަރުގެ ދާއިރާފަދަ ދާއިރާތަކުން ދެ ޤައުމުގެ ފަރުދުންގެ ފެންވަރުގައި ގުޅުންތައް ބަދަހިކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ. ގަވަރުނަރު ވަނީ ޔުނާން ޕްރޮވިންސުން ރާއްޖޭގެ ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް އިތުރުކުރުމާ ގުޅޭގޮތުންނާއި ދަނޑުވެރިކަމާ ކުޅިވަރުގެ ދާއިރާފަދަ ދާއިރާތަކުން ދެ ޤައުމުގެ ފަރުދުންގެ ފެންވަރުގައި ގުޅުންތައް ބަދަހިކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ނައިބު ރައީސް ވަނީ ތަޢުލީމާއި، ކުޅިވަރު އަދި ދަނޑުވެރިކަމުގެ ދާއިރާއިން ޗައިނާއިން ރާއްޖެއަށް ވެދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޗައިނާ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ރާއްޖެއަށް ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި މުސްތަޤްބަލުގައިވެސް އެކި ދާއިރާތަކުން ރާއްޖެއާ ޗައިނާގެ ގުޅުން ދެމިއޮންނާނެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ޔުނާން ޕްރޮވިންސްގެ ‌‏ގަވަރުނަރު ވަނީ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުއާއިވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވަނީ ދަނޑުވެރިކަމާ ކުޅިވަރުގެ ދާއިރާއާއި، ފަތުރުވެރިކަމުގެ ދާއިރާއިން މަޝްވަރާކުރައްވާފައެވެ.