ތަޢުލީމު

ބްރައިލް އަކުރު ބޭނުންކޮށްގެން ކިޔަވައިދިނުމާއި ކިޔެވުމުގެ ހުނަރު ދިރުވާ އާލާ ކުރަންޖެހޭ - މިނިސްޓަރ ޒާހިރު


ބްރައިލް އަކުރު ބޭނުންކޮށްގެން ކިޔަވައިދިނުމާއި ކިޔެވުމުގެ ހުނަރު ދިރުވާ އާލާ ކުރަންޖެހޭކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ފެނުމުން މަޙްރޫމްވެފައިވާ ދަރިވަރުންނަށް ކީރިތި ޤުރުއާން ކިޔަވައިދޭން ދަސްކޮށްދިނުމަށް ހިންގި ވޯކްޝޮޕް ނިންމުން ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވަނީ މިއީ ރާއްޖޭގެ ތާރީޚުގައި މިފަދަ ވޯކްޝޮޕެއް އަލަށް ބޭއްވުނު ފަހަރުކަން ފާހަގަކުރައްވާއެވެ. އަދި މިއީ ބްރައިލް އަކުރުން ލިޔެފައިވާ ސެޓްފިކެޓެއް މިހާތަނަށް ރާއްޖޭގައި ދެވުނު ފުރަތަމަ ފަހަރުކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ ސަރުކާރުން ޚާއްސަ އެހީއަށް ބޭނުންވާކުދިންނަށް އެހެން ކުދިންނެކޭވެސް އެއްގޮތަށް އެއްވެސް ތަފާތެއްނެތި ޢަމަލުކުރަމުން ގެންދާނެކަމަށާ، މި ވޯކްޝޮޕަކީވެސް އެގޮތުން ހިންގުނު ވޯކްޝޮޕެއްކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ސަރުކާރާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުޅިގެން އިތުރަށް މިފަދަ މަސައްކަތްކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ލޯފަންކުދިންނަށް ވަޒީފާ ހޯދައިދިނުމުގެ މަސައްކަތްތަކެއްވެސް ކުރަމުން އަންނަކަމަށާއި، އެގޮތުން ލޯފަންކުދިން މުދިމުން ގޮތުގައި މަސައްކަތްކުރައްވާކަންވެސް މިނިސްޓަރ ފާހަގަކުރެވިއެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް މުޖުތަމައުގެ ހުރިހައި ފަރާތްތަކަށް އެމަނިކުފާނުވަނީ ގޮވާލައްވާފައެވެ. އަދި މިފަދަ ކަންކަމަށް ބޭރުގެ ބައެއް ޤައުމުތަކުން އެހީތެރިކަން ހޯދުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ބްރައިލް ވޯކްޝޮޕަކީ ލޯފަންކުދިންނަށް ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދިނުމުގެގޮތުން އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. ފެނުމުން މަޙްރޫމްވެފައިވާ ދަރިވަރުންނަށް ކީރިތި ޤުރުއާން ކިޔަވައިދޭން ދަސްކޮށްދިނުމަށް ހިންގުނު މި ވޯކްޝޮޕްގައި ކިޔަވައިދެއްވީ އަލް ޤާރީ ޢަބްދުލް ރަޝީދު ޢަބްދުލް ޤާދިރުއެވެ. އެއް މަސްދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ޢަރަބި އަކުރުތަކުން ފެށިގެން ޤުރުއާނުގެ ސޫރަތްތައް ކިޔަވާނެގޮތް ވަނީ ކިޔައިދީފައެވެ. ޖުމްލަ 9 ދަރިވަރުން މި ވޯކްޝޮޕް ފުރިހަމަ ކޮށްފައިވާއިރު، ލޯފަން 6 ކުއްޖަކާއި، އެ ދަރިވަރުންގެ އާއިލާގެ ތެރެއިން 2 މެމްބަރަކާއި، ޓީޗަރެއް މީގެ ތެރޭގައި ހިމެނެއެވެ.

މި ވޯކްޝޮޕް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓުގެ އިތުރުން ބައިވެރިންގެ ތެރެއިން ލޯފަން ދަރިވަރުންނަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ބްރައިލް ޚަތިމް ސެޓެއްވެސްވަނީ ހަދިޔާ ކުރައްވާފައެވެ. މި ތަކެތި ދަރިވަރުންނަށް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު ޢަލީއެވެ.