ރައްޔިތުންގެ މަޖިލީހާގުޅޭގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ޚާއްސަ ޕްރޮގްރާމެއް ބޭއްވެވުމަށް ނިންމަވައިފިއެވެ.
"އާސްކް ސްޕީކަރ" މި ނަމުގައި ޓީވީއާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވަވާ މި ޕްރޮގްރާމް އޮންނާނީ 7 ޑިސެމްބަރު 2019 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 9:00 ގައި ޕީ.އެސް.އެމް ސްޓޫޑިއޯގައެވެ. މި ޕްރޮގްރާމް ދިވެހިރާއްޖޭގެ ހުރިހާ ޓީވީ ޗެނަލްތަކުންނާއި، ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޕްރޮގްރާމުގައި ރައްޔިތުންގެ ސުވާލުތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަގުތުން ޖަވާބުދެއްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މަޢުލޫމާތުދެއެވެ.
މި ޕްރޮގްރާމަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިސްނެގުމަކަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއި، ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން ބާއްވާ ލައިވް ޕްރޮގްރާމެކެވެ. މިއީ މިފަދަ ގޮތަކަށް އާންމުކޮށް ރައްޔިތުންނަށް ހުޅުވާލައިގެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ބާއްވަވާ ފުރަތަމަ ޕްރޮގްރާމެވެ.
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ސުވާލުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، ސުވާލު ވީޑިއޯ ކުރެއްވުމަށްފަހު ފޮނުވައިގެން ނުވަތަ މެސެޖު މެދުވެރިކޮށް ސުވާލުކުރެވޭނެގޮތް ހަމަޖައްސާފައިވާކަމަށް މަޖިލީހުގެ އިދާރާއިން ވިދާޅުވެއެވެ. އަދި ފޯނު މެދުވެރިކޮށް ސުވާލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ނަން ނޯޓްކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.
އެގޮތުން ސުވާލުކުރާ ފަރާތުގެ ނަމާއި، ކުރަން ބޭނުންވާ ސުވާލު، 6 ޑިސެމްބަރު 2019 ވާ ހުކުރު ދުވަހުގެ ރޭގަނޑު 11:00ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މީޑިއާ ސެކްޝަންގެ ހޮޓްލައިން ނަންބަރު 7234566 އަށް ފޮނުވުމަށް އެ އިދާރާއިން ވިދާޅުވެއެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ސުވާލުކުރަން ބޭނުންވާ ފަރާތްތަކުން، ސޯޝަލް މީޑިއާގައި ސުވާލު ޕޯސްޓްކުރާއިރު AskSpeaker# ބޭނުންކުރެއްވުމަށްވެސް މަޖިލީހުގެ އިދާރާއިން ވިދާޅުވެއެވެ.