ޚަބަރު

ދަތުރުފަތުރާ ބެހޭ އެއްބަސްވުމެއްގައި ދިވެހިރާއްޖެއިން ތުރުކީއާއެކު ސޮއިކުރަނީ

ދަތުރުފަތުރާ ބެހޭ އެއްބަސްވުމެއްގައި ދިވެހިރާއްޖެއިން ތުރުކީވިލާތާއެކު ސޮއިކުރުމަށް ނިންމައިފިއެވެ.

މެރިޓައިމް ދާއިރާ ނުވަތަ ކަނޑު ދަތުރުފަތުރުކުރުމުގެ ދާއިރާއިން ގުޅުންބަދަހިކުރުމަށް ތުރުކީވިލާތާއެކު އެއްބަސްވުމެއް ޤާއިމުކުރުމަށް ނިންމާފައިވަނީ ތުރުކީގެ ޓްރާންސްޕޯޓް މިނިސްޓަރ މެހްމެޓް ކަހިޓް ޓުރުހުންއާއެކު ރާއްޖޭގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢައިޝަތު ނަހުލާ ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.

މި ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ ލަންޑަންގައި މިހާރު ކުރިއަށްދާ އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން، އައި.އެމް.އޯ ޖެނެރަލް އެސެމްބްލީގެ ހަވާސާގެ ތެރެއިން ކުރިއަށްދާ ބައްދަލުވުންތަކުގައެވެ.

މި ބައްދަލުވުމުގައި ރާއްޖެއާއި ތުރުކީއާ ދެމެދުގައި މެރިޓައިމް ދާއިރާއިން އިތުރަށް އެހީތެރިކަން ފޯރުކޮށްދެވެން ހުރި ކަންކަމާއި، އެކަންކަން ކުރުމަށް މަގުފަހިވާނެ ގޮތްތަކާމެދުގައި ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި އެއްގަމާއި ވައިގެ ދަތުރުފަރުގެ ދާއިރާއިންވެސް އެހީތެރިކަން ހޯދުމަށް މަޝްވަރާކޮށްފައިވެއެވެ.

ދެ މިނިސްޓަރުންގެ މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަމުގައި އަމަލީ ސިފަ ގެނައުމަށް އެއްބަސްވުމެއް ޤާއިމުވެފައި އޮތުމުގެ މުހިއްމުކަން ފާހަގަކުރައްވާ، ދެބޭފުޅުންވެސް ވަނީ ރާއްޖެއާއި ތުރުކީއާ ދެމެދު ދަތުރުފަތުރާއި ބެހޭ އެއްބަސްވުމެއްގައި ސޮއިކުރުމަށް ނިންމަވާފައެވެ. މި އެއްބަސްވުން އެކުލަވާލުމުގައި އެންމެ ބޮޑު އިސްކަމެއްދޭނީ މެރިޓައިމް ދާއިރާއިން މީހުން ތަމްރީންކުރުމާއި ކޮންސަލްޓެންސީ ހޯދުމަށްކަން މިނިސްޓަރ ނަހުލާ ފާހަގަކުރެއްވިއެވެ.

އައި.އެމް.އޯ ޖެނެރަލް އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ލަންޑަނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެކަމަނާ ވަނީ އެ ބައްދަލުވުމުގައި ދިވެހި ބަހުން ތަޤްރީރުކުރައްވާފައެވެ. މިނިސްޓަރގެ ތަޤްރީރުގައި މެރިޓައިމް ސިނާޢަތަކީ މިހާރުގެ ސަރުކާރުން ޙާއްސަ އަހައްމިއްޔަތުކަމެއްދީފައިވާ ދާއިރާއެއްކަން ފާހަގަކުރައްވާ، ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި މި ދާއިރާ ތަރައްޤީކުރުމަށް ހިމަނާފައިވާކަންކަން ހިއްސާކުރެއްވިއެވެ. އަދި ކަނޑުދަތުރުފަތުރުގެ ކަންކަމާގުޅުންހުރި ޤާނޫނުތައް މިހާރަށްވުރެ ހަރުދަނާކޮށް، ރައްޔިތުން ބަލައިގަންނަފަދަ ޚިދުމަތްތަކެއް ފޯރުކޮށްދިނުންކަން މިނިސްޓަރ ނަހުލާ ފާހަގަކުރެއްވިއެވެ.