މާލޭގެ ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު ހަތަރު މީހުން ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ގެސްޓް ހައުސްއަކާއި އެޕާރޓްމަންޓެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު ހަތަރު މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ، އުމުރުން 22 އަހަރުގެ ހަސަން އަނަސްއާއި، ޏ.ފުވައްމުލައް 22 އަހަރުގެ މޫސާ ޝަހީމްއާއި، ބ.ގޮއިދޫ 25 އަހަރުގެ ޙުސައިން ޝަރުވާންގެ އިތުރުން ނޭޕާލުގެ ރައްޔިތެއް ކަމަށްވާ 21 އަހަރުގެ ނިޝާ ރާއިއެވެ.
މި އޮޕަރޭޝަނުގައި ބަލައި ފާސްކުރި ތަނުން މަސްތުވާތަކެތި ފެނިފައިވާއިރު އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 377.39 ގްރާމެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޙަސަން އަނަސްއަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާއިރު، މޫސާ ޝަހީމާއި، ޙުސައިން ޝަރުވާންއަށް 5 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ. އަދި ނިޝާ ރާއިއަށް އެއް ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.
މިމައްސަލާގައި ނިޝާ ރާއީއަށް ދީފައިވާ އެއް ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުމުން ދެވަނަ ފަހަރަށް މުއްދަތަށް ކޯޓަށް ހާޒިރުކުރުމުން އެއް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ދެވަނަ ފަހަރަށް ދީފައިވާ އެއް ދުވަހުގެ މުއްދަތު ހަމަވުމުން ތިންވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން، 5 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ޑްރަގް އެންފޯސްމަންޓުން ދަނީ މިމައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.