ޚަބަރު

އިދިކޮޅު މެންބަރުންގެ އަޑުގަދަކުރުމާއެކުވެސް މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންގޮސްފި


ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އިދިކޮޅު މެންމަބަރުންގެ އިޙްތިޖާޖާއެކުވެސް މިއަދުގެ ޖަލްސާ ކުރިއަށް ގެންގޮސްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށްދަނިކޮށް އިދިކޮޅު ޕާޓީތަކަށް ނިސްބަތްވެވަޑައިގަންވާ މެންބަރުންވަނީ މަޖިލީހުގެ ތަޅުމުގައި އަޑުގަދަކުރައްވާ ބައެއް މެންބަރުން ވާހަކަދައްކަވަމުންދަނިކޮށް ހުރަސްއަޅުއްވާފައެވެ.

އެގޮތުން ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމްއާއި ތ.ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫނާއި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދުވަނީ މަނީލޯންޑަރިންގެ ކުށް ސާބިތުވެ، ޖަލު ޙުކުމް ތަންފީޒުކުރައްވަމުންދާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވަގުތުން މިނިވަންކުރުމަށް ގޮވާލާ އަޑުގަދަ ކުރައްވާފައެވެ. އެ މެންބަރުންވަނީ މަޖިލީހުގެ ރިޔާސަތުގެ މޭޒު ކުރިމަތީގައިވެސް ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ ޕޯސްތަރުތައް ހިތްޕަވައިގެން އަޑުގަދަކުރައްވާފައެވެ.

ނަމަވެސް މަޖިލީހުގެ ޖަލްސާ މެދުކަނޑާނުލައްވާ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުވަނީ ޖަލްސާ ކުރިއަށް ގެންދަވާފައެވެ. އަދި އެއްވެސް މެންބަރެއްގެ ނަން އިއްވާ ތަޅުމުން ބޭރުކޮށްފައެއްވެސް ނުވެއެވެ. އެ މެންބަރުން މަޖިލީހުގެ ޖަލްސާގައި އަޑުގަދަކުރައްވާ ބައެއް މެންބަރުންގެ ވާހަކަތަކަށް ހުރަސް އެޅަމުން ގެންދެވުމުން ޖަލްސާ ކުރިއަށް ގެންދެވީ ބައެއް މެންބަރުން ހެޑުސެޓް އަޅުއްވައިގެންނެވެ.

އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރެއްވުމުން ސަރުކާރަށް ތާޢީދުކުރައްވާ ބައެއް މެންބަރުންވަނީ އެކަމަށް ރައްދުދެއްވާ ވާހަކަދައްކަވާފައެވެ. އެ މެންބަރުން ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވުމުން މަޖިލީހުގެ ރިޔާސަތުންވަނީ އިދިކޮޅު މެންބަރުންނަށް ރައްދު ދެއްވާ ވާހަކަނުދެއްކެވުމަށް އިލްތިމާސްކުރައްވާފައެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށް ފަސް މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކުރުމުން އިދިކޮޅު ޕާޓިތަކުން ދަނީ ކޮންމެ ރެޔަކު އިޙުތިޖާޖުކުރަމުންނެވެ.