ޚަބަރު

ޤާޒީ ހައިލަމް މަޤާމުން ވަކިކުރަން ކޮމިޓީން ފާސްކޮށްފި


ކްރިމިނަލް ކޯޓްގެ އިސް ޤާޒީ އަޙްމަދު ހައިލަމް މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ޤާޒީ ހައިލަމް މަޤާމުން ވަކިކުރުމުގެ މައްސަލަ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.

މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޤާޒީ އަޙުމަދު ހައިލަމް މަޤާމުން ވަކިކުރުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަނުން ނިންމާފައިވަނީ ރަނގަޅަށްކަމަށް ވަނީ ކަނޑައަޅާފައެވެ.

ރޭ ޖޭއެސްސީން ވަނީ އެކޮމިޝަނުން ބަލަމުންދާ ސުލޫކީ މައްސަލަ ހައިލަމްގެ މައްޗަށް ސާބިތުވާކަމަށް ނިންމާފައެވެ. ސުލޫކީ މައްސަލައަކާއި ގުޅިގެން ހައިލަމް މިހާތަނަށް ހުންނެވީ ސަސްޕެންޑްކޮށްފައެވެ. އޭނާ ސަސްޕެންޑްކޮށްފައި ހުރީ ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިއުމަށް މެސެޖެއްގެ ގޮތުގައި ވައިބާ ގްރޫޕަކަށް ފޮނުއްވި ފޮޓޯއެއްގެ މައްސަލައގައެވެ.

އެފޮޓޯގައި ދައްކުވައިދީފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނުޖަހާ ދަމާފައި ގެންދާ މަންޒަރެވެ.

ޤާޟީ ހައިލަމްގެ ސުލޫކީ މައްސަލަ ބަލަން ނިންމައި ޖޭއެސްސީއަށް ޙާޒިރުވުމަށް އެންގުމުން އެ ކޮމިޝަނަށް ޙާޒިރުވެވަޑައިގަތުމަށް އުޒުރުވެވަޑައިގަންނަވާކަން ސިޓީއަކުން ހައިލަމް ވަނީ އަންގަވާފައެވެ. އަދި އެ ކޮމިޝަނަށް ހާޟިރުނުވުމަށް ހައިލަމް ދީފައިވާ ސަބަބަކީ މަޤުބޫލު ސަބަބެއްކަމަށް ޤަބޫލުކުރެވޭ ސަބަބެއް ނޫންކަމަށް ޖޭއެސްސީން ވަނީ ހާމަކޮށްފައެވެ.