ވިޔަފާރި

ރާއްޖެ އިޝްތިހާރުކުރުމަށް ތުރުކީ ނޫސްވެރިން ރާއްޖެއަށް


ރާއްޖޭގެ ފަތުރުވެރިކަން އަމިއްލައަށް ތަޖުރިބާކޮށް، އެކަން އިޝްތިހާރުކުރުމަށް ތުރުކީގެ ނޫސްވެރިންގެ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.

ތުރުކީގެ މީޑިއާގެ މި ޓީމުގައި އެ ޤައުމުގެ ނޫސްތަކުގައި މަސައްކަތްކުރާ ނޫސްވެރިންނާއި އެޑިޓަރުން ހިމެނެއެވެ. މި ޓީމުގައި ހިމެނޭ ނޫސްވެރިން ރާއްޖޭގައި ކުރާ ތަޖުރިބާއާއި ގުޅޭގޮތުން ރިޕޯޓްތައް ތައްޔާރުކުރާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މިމަހުގެ 6 ގެ ނިޔަލަށް ތުރުކީގެ ފަތުރުވެރިންގެ ޓީމު ރާއްޖޭގައި ތިބޭނެއެވެ. ތުރުކީގެ ނޫސްވެރިންގެ ޓީމެއް ރާއްޖެ އައިސްފައިވާއިރު އެމްއެމްޕީއާރުސީން ވަނީ މިދިޔަ މަހުގެ ތެރޭގައި ވަނީ އެ ޤައުމުގެ ސޯޝަލް މީޑިއާގައި ނުފޫޒުގަދަ ފަރާތްތައްވެސް ރާއްޖެ ގެނެސްފައެވެ.

މިއަހަރުގެ އޮކްޓޯބަރުމަހުގެ ނިޔަލަށް ރާއްޖެއަށް އެއްމިލިއަން ތިންލައްކަ ނުވަދިހަ ތިންހާސް ހަސަތޭކަ ނަވާރަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މީގެތެރެއިން އަށްހާސް ފަންސާސް ނުވަ ފަތުރުވެރިންނަކީ ތުރުކީން ޒިޔާރަތްކުރި މީހުންނެވެ.

މިއަހަރުގެ ތެރޭގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ވަނީ ރާއްޖެއަށް ފަތުރުވެރިން އަންނަ މަންޒިލްތަކަށް އަމާޒުކޮށްގެން ފެމިލިއަރައިޒޭޝަން ދަތުރުތަކެއް ބާއްވަމުންނެވެ.