ޚަބަރު

ޕީޖީއަކަށް އައްޔަންކުރަން ޝަމީމުގެ ނަން ދިރާސާކުރަން ކޮމިޓީއަށް

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަޖިލީހަށް ފޮނުއްވާފައިވާ ޙުސެއިން ޝަމީމްގެ ނަންފުޅަށް ރުހުން ހޯދުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް ބޭފުޅަކު ޢައްޔަންކުރުމަށްޓަކައި އާންމުކޮށް ޢިއުލާންކުރުމުން އެކަމަށް އިޖާބަދެއްވި ބޭފުޅުންގެ ތެރެއިން ހ. ހިޔާކަންޙުސެއިން ޝަމީމު އެ މަޤާމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް މަޖިލީހަށް ހުށައަޅާފައިވަނީ އިއްޔެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމް ހުސްވުމާ ގުޅިގެން އެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި އެ މަޤާމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ އަދި ޤާނޫނީ ވަކީލް ޙުސައިން ޝަމީމްއާއެކު އިތުރު ދެބޭފުޅުން ކުރިމަތިލެއްވިއެވެ.

ޕީޖީގެ މަޤާމަށް ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލީ މިމަހުގެ އެއްވަނަދުވަހުގެ މެންދުރު ދޭއް ޖެހުމާއި ހަމައަށެވެ. އެ މުއްދަތުގައި އެ މަޤާމަށް ޝަމީމްގެ އިތުރުން ކުރިމަތިލެއްވީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް މަރިޔަމް ނިހާޔަތާއި، ޤާނޫނީ ވަކީލް އަޙްމަދު ޒަނީންއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމުގައި ކުރިން ހުންނެވި އައިޝަތު ބިޝާމް މިދިޔަ މަހުގެ 28 ވަނަ ދުވަހު މަޤާމުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ. މަޤާމުން އިސްތިއުފާ ދެއްވާ ބިޝާމް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އޭނާ މަޤާމުން ވަކިކުރުމަށް ޖުޑީޝަރީ ކޮމިޓީން ކުރަމުންދާ މަސައްކަތްތަކީ އިހްލާސްތެރިކަމާއެކު ކުރާ މަސައްކަތެއް ނޫން ކަމަށެވެ. އަދި އެކަން ބަލައިނުގަންނަކަމަށްވެސް ބިޝާމްގެ ބަޔާނުގައި ވިދާޅުވެއެވެ.