ޚަބަރު

ޕީޖީއަކަށް އައްޔަންކުރަން ޝަމީމުގެ ނަން މަޖިލީހަށް


ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ޙުސެއިން ޝަމީމު އައްޔަންކުރުމަށް ރައްޔިތުން މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަޖިލީހަށް ފޮނުއްވައިފިއެވެ.

ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުސްވެފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް ބޭފުޅަކު ޢައްޔަންކުރުމަށްޓަކައި އާންމުކޮށް ޢިއުލާންކުރުމުން އެކަމަށް އިޖާބަދެއްވި ބޭފުޅުންގެ ތެރެއިން ހ. ހިޔާކަންޙުސެއިން ޝަމީމު އެ މަޤާމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް މަޖިލީހަށް އިއްޔެ ފޮނުއްވާފައިވާކަމަށެވެ.

ހުސްވެފައިވާ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެ މަޤާމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ އަދި ޤާނޫނީ ވަކީލް ޙުސައިން ޝަމީމްއާއެކު އިތުރު ދެބޭފުޅުން ކުރިމަތިލެއްވިއެވެ.

ޕީޖީގެ މަޤާމަށް ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލީ މިމަހުގެ އެއްވަނަދުވަހުގެ މެންދުރު ދޭއް ޖެހުމާއި ހަމައަށެވެ. އެ މުއްދަތުގައި އެ މަޤާމަށް ޝަމީމްގެ އިތުރުން ކުރިމަތިލެއްވީ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މަރްޔަމް ނިހާޔަތާއި، ޤާނޫނީ ވަކީލް އަޙްމަދު ޒަނީންއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމުގައި ކުރިން ހުންނެވި އައިޝަތު ބިޝާމް މިދިޔަ މަހުގެ 28 ވަނަ ދުވަހު މަޤާމުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ. މަޤާމުން އިސްތިއުފާ ދެއްވާ ބިޝާމް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އޭނާ މަޤާމުން ވަކިކުރުމަށް ޖުޑީޝަރީ ކޮމިޓީން ކުރަމުންދާ މަސައްކަތްތަކީ އިހްލާސްތެރިކަމާއެކު ކުރާ މަސައްކަތެއް ނޫން ކަމަށެވެ. އަދި އެކަން ބަލައިނުގަންނަކަމަށްވެސް ބިޝާމްގެ ބަޔާނުގައި ވިދާޅުވެއެވެ.