ޚަބަރު

ޖޭއެސްސީގެ ލަފަޔާއި އެކު މުޢުތަޞިމާއި ސުޢޫދުގެ ނަން މަޖިލީހަށް


އުއްތަމަ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމަށް އަޙްމަދު މުޢުތަޞިމް ޢަދުނާނާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ޙުސްނުއްސުޢޫދު ޢައްޔަންކުރެއްވުމަށް އެ ބޭފުޅުންގެ ނަންތައް ރައްޔިތުން މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފޮނުއްވައިފިއެވެ.

ސުޕްރީމްކޯޓުގެ ބެންޗަށް މުޢުތަޞިމާއި ޙުސްނުއްޞުއޫދާޢި ޢަބްދުއްރައޫފް އައްޔަންކުރުމާއި ގުޅޭ ގޮތުން ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފަޔަކަށް އެދިވަޑައިގެން އެ ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވީ މިދިޔަ މަހުގެ 28 ވަނަދުވަހުއެވެ.

ޖޭއެސްސީން ނެރުނު ނޫސް ބަޔާނެއްގައި ވަނީ ސުޕްރީމްކޯޓަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް ކުރިމަތި ލެއްވި ފަރާތްތަކާއި ރައީސް ފޮނުއްވި ނަންފުޅުތަކާއި އެކު އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމުގެ މަޤާމަށް ޝަރުތު ފުރިހަމަވި ފަރާތްތަކާއި އިންޓަރވިއުކުރުމަށް ފަހު އެކުލަވާލި ރިޕޯޓް އެ ކޮމިޝަނަށް ލިބިފައިވާކަމަށެވެ.

މިގޮތުން އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަންކުރަން ރައީސް ފޮނުއްވި އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ޙުސްނުއްސުޢޫދު " ހައިލީ ރިކޮމެންޑެޑް " ކުރާ ބޭފުޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ދިނުމަށް ނިންމިކަމަށެވެ.

އަދި ސުޕްރީމްކޯޓަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޢަބްދުއްރައޫފް އިބްރާހިމް އާއި ގުޅޭގޮތުން 3 ޝަކުވާއެއް ކޮމިޝަނަށް ލިބިފައިވާތީ އެ ޝަކުވާތައް ބަލަމުން އަންނަކަމަށްވެސް ޖޭއެސްސީގެ ވިދާޅުވެއެވެ. އަދި އެ ޝަކުވާތައް ބެލުމަށްފަހު ރައޫފްގެ ނަމާއި ގުޅޭ ގޮތުން ގޮތެއް ނިންމާނެކަމަށްވެސް ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

އުއްތަމަ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް ފޮނުއްވި އަޙްމަދު މުޢުތަޞިމް އަދްނާނު ވަނީ މީގެ ކުރިންވެސް ސުޕްރީމްކޯޓްގެ ފަނޑިޔާރުކަން ކުރައްވާފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރު ޤާނޫނަށް ބަދަލު ގެނެސް ސުޕްރީމްކޯޓްގެ ފަނޑިޔާރުންގެ އަަދަދު ފަހަކަށް ބަދަލުކުރުން މުޢުތަޞިމް އަދްނާނާއި އޭރުގެ އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ފާއިޒުގެ މަޤާމުގެ ގެއްލިގެންދިޔައެވެ.

ޙުސްނުއްޞުއޫދު މިހާރު ހުންނެވީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އެކުލަވާލި ކޮމިޝަންގެ ރައީސްގެ ގޮތުގައެވެ.

ސުޕްރީމްކޯޓުގެ ހިނގުން ވަގުތީ ގޮތުން ހަވާލުކުރައްވާފައިވަނީ ދާދީ ފަހުން އެކޯޓަށް އައްޔަންކުރެއްވި ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރުއާއިއެވެ. އެކޯޓްގެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އައިޝާ ސުޛޫން މުހައްމަދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރުން އަބްދުލްޣަނީ މުހައްމަދެވެ. މި ބޭފުޅުންގެ ތެރެއިން ފަނޑިޔާރު ޣަނީ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ވަނީ ނިންމާފައެވެ.