ޚަބަރު

ދިރިއުޅެން ރައްކާތެރި ނޫން ތަނެއްގައި 100 ބިދޭސީން


މާލޭގައި ޤަވައިދާ ހިލާފަށް ގެސްޓް ހައުސްއެއް ހިންގާ އެތަނުގައި ގިނަ އަދަދެއްގެ ބިދޭސީން ގެންގުޅުނު ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ ފުލުހުންނާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ އޭ މަންނާން މިއާކަމަށެވެ.

މި އޮޕަރޭޝަނަށް ފަހު އިމިގްރޭޝަނުން އާއްމުކުރި ވީޑިއޯގައި ބުނެފައިވަނީ ގެސްޓް ހައުސެއްގެ ގޮތުގައި ބޭނުންކުރަމުން ދިޔަ ތަނުގައި 100 އަށްވުރެ ގިނަ ބިދޭސީން ގެންގުޅެމުންދާކަމަށެވެ. އަދި މި ގެސްޓްހައުސް ފުރި ތޮއްޖެހިފައިވާކަމަށްވެސް އިމިގްރޭޝަނުގެ ވީޑިއޯގައި ބުނެއެވެ.

90 އަކަފޫޓްގެ 11 ކޮޓަރި ހަދާފައި ހުރި މި ތަނުގެ ސާފުތާހުރިކަން ކުޑައިރު އެތަނަކީ މީހުން ދިރިއުޅެން ރައްކާތެރި ތަނެއް ނޫންކަމަށްވެސް ބުނެފައިވެއެވެ. ޓިނު ބޭނުންކޮށްގެން ދަގަނޑު ހޮޅި ބޭނުންކޮށްގެން ހަދާފައި ހުރި މިތަނުގައި ނިދަން ހަދާފައި ހުރީ އަށިތަކެވެ. އަދި ތަނުގެ ވައި ދައުރުވާ ގޮތެއް ނެތްކަންވެސް އިމިގްރޭޝަންގެ ވީޑިއޯގައި ފާހަގަކޮށްފައިވެއެވެ.

ޤަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އަންނަނީ ކުރަމުންނެވެ. މި ގޮތުން ޤަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީވުމަށް 6 މަސްދުވަހުގެ ފުރުސަތެއް ވަނީ ހުޅުވާލާފައެވެ.