ޚަބަރު

5 ރަށެއްގެ ފެނާއި ނަރުދަމާގެ ޑިޒައިން އަންނަ މަހު ނިންމާލެވޭނެ


އޯފިޑް ފަންޑުގެ ލޯންގެ ދަށުން ފޭސް އެކެއްގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރާ ފަސް ރަށުގެ ޑިޒައިން މަސައްކަތްތައް އަންނަ މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެންވަޔަރމަންޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.އެ މިނިސްޓްރީން ވިދާޅުވީ، މި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރާ ބައެއް ރަށްތަކުގައި ޑިޒައިންގެ މަސައްކަތްތައް ނިންމަލެވިފައިވާ ކަމަށާއި، ނުނިމިހުރި ރަށްތައްވެސް އަންނަ މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.ވިހި މިލިއަން އެމެރިކާ ޑޮލަރުގެ މި މަޝްރޫއުގެ ދަށުން ނަރުދަމާ ނިޒާމު ގާއިމްކުރާ 5 ރަށަކީ ނ.ވެލިދޫ، ރ.ހުޅުދުއްފާރު، ބ.ތުޅާދޫ، ގއ.ކޮލަމާފުށި އަދި ގދ ގައްދޫއެވެ.މީގެ އިތުރުން ނ.ވެލިދޫ، ރ.ހުޅުދުއްފާރު، ބ.ތުޅާދޫ، އަދި ގއ.ކޮލަމާފުށި، މި 4 ރަށުގައި ފެނުގެ ނިޒާމު ގާއިމްކުރުމަށް ހަމަޖެހިފައިވެއެވެ.ރާއްޖޭގެ ރަށްތަކުގެ ފެނާއި ނަރުދަމާ ގާއިމްކުރުމަށް އޯފިޑުން ފޭސް އެކަކަށް 20 މިލިއަން ޑޮލަރުގެ ލޯން ދީފައިވާއިރު، ދެވަނަ ފޭސްގެ ދަށުން 50 މިލިއަން ޑޮލަރުގެ ލޯން ދިނުމަށް ހަމަޖެހި މި ޖުލައިމަހުގެ ދެވަނަ ދުވަހުވަނީ ލޯން އެހީގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.ދެވަނަ ފޭސްގެ ދަށުން 49 ރަށެއްގައި ފެނާއި، ނަރުދަމާ ނިޒާމާއި، ކުނި ނައްތާލުމުގެ ނިޒާމުތައް ގާއިމް ކުރެވޭނެ ކަމަށް އެންވަޔަރމަންޓް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.