ޚަބަރު

ހިޔާ ފްލެޓްތަކަށް އެދުނު ފަރާތްތަކުގެ ދިރިއުޅުމުގެ ޙާލަތު ބަލަނީ


"ހިޔާ" މަޝްރޫޢުގެ ދަށުން ފްލެޓްތަކަށް އެދި ފޯމު ހުށައަޅާފައިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ޙާލަތު ބެލުމަށް ގޭގެއަށް ޒިޔާރަތްކުރުމަށް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ނިންމަވައިފިއެވެ.

"ހިޔާ" މަޝްރޫޢު ގެ ދަށުން ފްލެޓު ދިނުމުގައި ބޭއިންސާފުން ޢަމަލުކޮށްފައިވާތީ، އެކަން ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ކޮމިޓީގެ ފަރާތުން މިކަން ހާމަކުރައްވާފައިވަނީ، އެކޮމިޓީން ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓު ދިނުމުގައި ޢަމަލުކޮށްފައިވާގޮތް ބެލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ދިރިއުޅުމުގެ ޙާލަތު ދެނެގަތުމާ ގުޅޭގޮތުން ގެޒެޓްކުރި ޢާންމު އިޢުލާނެއްގައެވެ.

ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ދިރިއުޅުމުގެ ޙާލަތު ވަޒަންކުރުމަށް ގޭގެއަށް ޒިޔާރަތްކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ މިމަހުގެ 2 ވަނަ ދުވަހުން ފެށިގެން، ހެދުނު 10:00 އާއި ހަވީރު 18:00 އާއި ދެމެދުގެ ވަގުތު ތަކުގައި ކަމަށް ކޮމިޓީން ހާމަކުރައްވާފައިވެއެވެ.

މި މަސައްކަތުގައި ގޭގެއަށް ޒިޔާރަތްކުރަމުންގެންދާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތައްގަނޑު ޖަހާފައިވާ އައިޑެންޓިފިކޭޝަން ކާޑާއެކު ހަރަކާތްތެރިވާ 2 މީހުންގެ މައްޗަށް އެކުލެވޭ ޓީމު ތަކަކުން ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. އަދި ދިރިއުޅުމުގެ ޙާލަތު ދެނެގަތުމަށް ގޭގެއަށް ޒިޔާރަތް ކުރުމުގެ ކުރިން ފޯމު ހުށަހަޅާފައިވާ ފަރާތަކަށް ގުޅުމަށްފަހު، ދާނެ ދުވަހަކާއި ގަޑިއެއް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން އަންގާނެކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.

ރައީސް އޮފީހުން ވިދާޅުވީ "ހިޔާ" މަޝްރޫޢުގެ ދަށުން ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން މިހާތަނަށް 25,244 ފޯމާއި ފޯމުތަކާއެކު ހުށަހަޅާފައިވާ ލިޔެކިޔުންތައް ތަރުތީބުކޮށް، ކެޓަގަރީތައް ވަކިކުރުމަށްފަހު ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީގެ ފަރާތުން އެ ލިޔެކިޔުންތަކާ ޙަވާލުވެފައިވާކަމަށެވެ.

ފްލެޓް ދިނުމުގައި ޢަމަލުކޮށްފައިވާ ގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެކުލަވާލެއްވި ކޮމިޓީއަށް އެމަސައްކަތުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން އެކޮމިޓީން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، ލިޔެކިޔުންތައް ބެލެހެއްޓުމުގައި ވެފައިވާ އިހުމާލުގެ ސަބަބުން ފޯމުތައް އިވެލުއޭޓްކުރުމުގެ މަސައްކަތަށް ގިނަ ހުރަސްތަކެއް ކުރިމަތިވެފައިވާކަން ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ފާހަގަކުރައްވާފައިވެއެވެ.

މި މަޝްރޫޢަށް ފޯމު ހުށަހެޅި ފަރާތްތަކަށް ފްލެޓު ލިބޭނެ ކަމުގެ ލިޔުން ނިމިދިޔަ ސަރުކާރުން ހަވާލުކޮށްފައިވީ ނަމަވެސް "ދިރިއުޅުމުގެ ޙާލަތު"، މި ބަޔަށް ރިޢާޔަތްކޮށްފައިނުވާކަމަށް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ހާމަކުރައްވާފައިވެއެވެ. އަދި "ހިޔާ މަޝްރޫޢު" ގެ ގިނަ ކެޓަގަރީތަކުގައި "ދިރިއުޅުމުގެ ޙާލަތު"، މިބަޔަށް ޕޮއިންޓް ދިނުމަށް ނިންމާފައިވީނަމަވެސް، މިބަޔަށް ޕޮއިންޓް ދިނުމުގައި ބަލާފައިވަނީ ކޮން ކަންތައްތަކަކަށް ކަމެއް ނުވަތަ ޕޮއިންޓް ދިނުމުގައި ގެންގުޅެފައިވަނީ ކޮން މިންގަނޑެއްކަމެއް، މިހާތަނަށް ބެލި ބެލުމުން އެނގެން ނެތްކަމުގައި ކޮމިޓީން ފާހަގަކުރައްވާފައިވެއެވެ.
މީގެއިތުރުން ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް މީގެކުރިން ގޭގެއަށް ޒިޔާރަތްކޮށްފައިނުވާކަންވެސް ކޮމިޓީން ފާހަގަކުރައްވާފައިވެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަނީ 7000 ހައުސިންގ ޔުނިޓްކަމަށް ނިމިދިޔަ ސަރުކާރުން ބުނި ނަމަވެސް، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން ބުނެފައިވަނީ ހިޔާ މަޝްރޫޢުގެދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަނީ 6860 ހައުސިންގ ޔުނިޓްކަމަށެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުންދަނީ 25 ބުރީގެ 16 ޓަވަރެވެ. މި ފްލެޓްތަކުގައި މުޅިންވެސް ހިމެނެނީ 2 ކޮޓަރީގެ އެޕަރޓްމަންޓްތައްކަމަށް އެޗްޑީސީންވަނީ ބުނެފައެވެ.

ހިޔާ މަޝްރޫޢުގެދަށުން ހުޅުމާލޭގައި އިމާރާތްކުރާ ހައުސިންގ ޔުނިޓްތަކުގެ ޑިޒައިނަށް އެއްވެސް ބަދަލެއް ނުގެނެއެވެ. ހައުސިން މިނިސްޓަރ އާޠިފާ ވިދާޅުވެފައިވަނީ ފްލެޓްތަކަށް މީހުންނަށް ވަދެވޭވަރުވާނީ އަންނަ އަހަރު މެދުތެރޭގައި ފިނިޝިންގ މަސައްކަތްތައް ނިމުމަށްފަހުގައިކަމަށެވެ.

ހިޔާ މަޝްރުޢޫގެދަށުން އިމާރާތްކުރާ އެޕަރޓްމަންޓްކަކަކީ 550 އަކަފޫޓުގެ ޔުނިޓްތަކެއްކަމަށް އެޗްޑީސީން ބުނެއެވެ. މި އެއަޕޓްމަންޓުތަކުގެ އަގުގެގޮތުގައި 6 ހާސް ރުފިޔާ ކަނޑައަޅާފައިވާއިރު، މި ޑިޒައިނަށް ބަދަލުގެނެސް، ކޮޓަރި އިތުރުކޮށްފިނަމަ އަގު 11000 ރުފިޔާއަށް އުފުލޭނެކަމަށް ލަފާކުރެވޭކަމަށް އެޗްޑީސިން ވަނީ ބުނެފައެވެ.

ހިޔާ މަޝްރޫޢުގެ ފްލެޓްތަކަކީ ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކައިގެން އެތަނުގައި ކުރިއަށްގެންދަންފެށި އެންމެ ފުރަތަމަ ހައުސިންގ މަޝްރޫޢުއެވެ.