ޚަބަރު

13 އަހަރުގެ ކުއްޖާ ބަލިވެއިނދެ ވިހެއި މައްސަލާގައި 26 އަހަރުގެ އިސްމާއީލް ހައްމާދު ހައްޔަރުކޮށްފި


13 އަހަރުގެ އަންހެންކުއްޖާ ބަލިވެއިނދެ ވިހެއި މައްސަލައާ ގުޅިގެން 26 އަހަރުގެ އިސްމާއީލް ހައްމާދު ހައްޔަރުކޮށް އެމައްސަލަ ފުލުހުން ތަޙްޤީގުކުރަން ފަށައިފިއެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން މަޢުލޫމާތު ހާމަކުރި ހައްމާދު އަކީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެރޭ ދޯންޏެއްގައި ހިނގި މާރާމާރިއެއްގައި ވަޅިން ހަމަލާދީ ޒަހަމް ކޮށްލި މީހާއެވެ. މިކަމާއި ގުޅިގެން ސުޕްރިންޓެންޑެންޓެންޑް އޮފް ޕޮލިސް ޙަސަން ޝިފާޢު ވިދާޅުވީ، އއ. މާޅޮހު ފަޅުގެ ބޭރުގައި އަޅާފައޮތް "ޖަރީ" ނަމަކަށް ކިޔާ ދޯންޏެއްގެ ތެރޭގައި ދެކެވުނު ވާހަކަތަކަކަށްފަހު ރ. މަޑުއްވަރީއަށް ނިސްބަތްވާ އިސްމާއީލް އާސިފް ނަމަކަށްކިޔާ މީހާކު ހައްމާދަށް ވަޅިއަކުން ހަމަލާދީ މާރާމާރީ ހިންގާފައިވާކަމަށެވެ. މި މާރާމާރީ ހިންގާފައިވަނީ ދީނީކަމަކާއި ޚިޔާލުތަފާތުވެގެންކަމަށާއި، އޭނާއަށް ހަމަލާދިނުމުން ދޯނިން ފުންމާލައިގެން ފަތާފައި މާޅޮހަށް ހައްމާދު އަރާފައިވަނީ އެކަނިކަމަށް ފުލުހުންގެ ތަޙްޤީގަށް އެނގިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާގައި ޒަހަމްވި 26 އަހަރުގެ ހައްމާދު މިހާރު ކޯޓު އަމުރެއްގެދަށުން ހައްޔަރުކޮށްފައިވާކަމަށާއި، އޭނާ ހައްޔަރުކުރީ، 13 އަހަރުގެ އަންހެންކުއްޖަކު ބަލިވެއިނދެ ވިހާފައިވާ މައްސަލާގެ ތުހުމަތުގައިކަމަށެވެ. މިމައްސަލާގައި މިހާތަނަށް ބެލި ބެލުމުން 13 އަހަރުގެ އަންހެންކުއްޖާ ވިހެއި ކުއްޖާގެ ޑީ.އެން.އޭއާ ހައްމާދުގެ ޑީއެންއޭ ދިމާވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އަދި 13 އަހަރުގެ އަންހެންކުއްޖާ މިހާތަނަށް އެއްވެސް ކައިވެއްޏެއްކޮށްފައިވާކަން އެނގެން ނެތްކަމަށާ، އެހެން ކަމުން ކުޑަކުއްޖަކާއެކު ގަދަކަމުން ޖިންސީ އަމަލުހިންގިކަމުގެ ކުށުގައި ހައްމާދު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

"ރ. މަޑުއްވަރީ ފެހި ޢަލީ އިސްމާއީލް ހައްމާދު 30 ނޮވެންބަރު 2019 ވަނަ ދުވަހުގެ 18:09 އެހާއިރު، ކޯޓު އަމުރެއްގެ ދަށުން މިސަރވިސްގެ ބެލުމުގެ ދަށަށްގެނެސް ހައްޔަރުކުރެވިފައިވާކަމުގައި ދަންނަވަން. މިމައްސަލައާއި ގުޅިގެން ހައްޔަރުކުރެވުނީ މީގެކުރިން ޓެރަރިޒަމްގެ މައްސަލައެއް ސާބިތުވެ ހުކުމް ތަންފީޒުކޮށް ކުށުގެ ރެކޯޑު އޮންނަ މީހެއްކަމުގައިދަންނަވަން. މިމައްސަލައާއި ގުޅިގެން 14 ފަރާތަކާއި ސުވާލުކުރެވި ފޮރިންސިކް ބައެއް ހެކިތައް ހޯދާފައިވަނީ." ސުޕްރިންޑެންޓްއޮފް ޕޮލިސް ހަސަން ހަނީފް ވިދާޅުވިއެވެ.

މިނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވިދާޅުވީ 13 އަހަރުގެ ކުއްޖާގެ އާއިލާއަކީ ދީނުގެ ނަމުގައި ހަރުކަށި ފިކުރުގެ ވިސްނުން ގެންގުޅެމުންދާ އާއިލާއެއްކަން އެނގިފައިވާކަމަށާއި އެ އާއިލާގައި ތިބި ކުޑަކުދިން އަސާސީ ހައްގުތަކުން މަހުރޫމުވެފައިވާ މައްސަލަ ބަލައި އަޅަންޖެހޭ ފިޔަވަޅުއަޅަމުންދާކަމަށެވެ. އެގޮތުން ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން ވެކްސިންޖެހުމާއި، ސްކޫލަށް ފޮނުވުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާކަމަށާއި، އެއާއިލާއަށް ސައިކޯ ސޯޝަލް ސަޕޯޓު ދިނުމުގެ ކަންކަންވެސް ކުރަމުންދާކަމަށެވެ.