އަންނަ އަހަރު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް އާއި ކުރީގެ ދެ ޗެމްޕިއަނުން ކަމަށްވާ ޖަރުމަނާއި ދުނިޔޭގެ ޗެމްޕިއަން ފްރާންސް އެއް ގްރޫޕެއްގައި ލައްވާލައިފިއެވެ.
މަރުގެ ގްރޫޕުގެ ގޮތުގައި އެންމެންވެސް އިއްތިފާގުވާ ގްރޫޕް އެފްގައި ހަތަރުވަނަ ޓީމެއްގެ ގޮތުގައި ހިމެނޭނީ ޕްލޭއޯފް ކުޅެގެން އަންނަ ޓީމެކެވެ. ޖަރުމަނުގެ ކޯޗު ޖޯހިމް ލޯ ބުނީ މި ގްރޫޕަކީ އެންމެ ވަރުގަދަ ގްރޫޕް ކަމަށާއި މިއީ އޭނާގެ ޒުވާން ޓީމަށް ވަރަށް ބޮޑު ޗެލެންޖެއް ކަމަށެވެ.
"ޖަރުމަނުގެ މިއުނިކުގައި ކުޅޭ މެޗުތަކަކީ އަބަދުވެސް ފުޓްބޯޅަ ކާނިވަލެއް. މި ގްރޫޕް ވަރަށް ވަރުގަދަ. މިއީ އެންމެވެސް ބުރަވާ ގޮތުގައި މަރުގެ ގްރޫޕް. އަހަރެންގެ ޒުވާން ޓީމަށް މިއީ ވަރަށް ބޮޑު ޗެލެންޖެއް. އަދި މިއީ އިތުރަށް ކުރިއަށް ދިއުމަށް ލިބުނު ހިތްވަރެއްވެސްމެ،" ކޯޗު ބުންޏެވެ.
މަޝްހޫރު އިނގިރޭސިން ހިމެނުނީ ޗެކް ރިޕަބްލިކާއި ކްރޮއޭޝިއާއާއެކު ގްރޫޕް ޑީގައެވެ. އިނގިރޭސި ކޯޗު ގެރެތް ސައުތް ގޭޓް ބުނީ މިއީ ހިތްހަމަޖެހޭ ގްރޫޕެއް ކަމަށާއި އެއްވަނަ ސީޑުގެ ގޮތުގައި ކޮލިފައިވުމުން އޭނާގެ ޓީމު މި ގްރޫޕުގެ ކޮންޓްރޯލް ނަގަންޖެހޭ ކަމަށް ސަޕޯޓަރުން ގަބޫލުކުރާ ކަމަށެވެ.
އިޓަލީ އާއި ސްވިޒަލޭންޑް ހިމެނުނީ ތުރުކީ އާއި ވޭލްސްއާއެކު ގްރޫޕް އޭގައެވެ. ބެލްޖިއަމް އާއި ރަޝިޔާ އާއި ޑެންމާކާއި ފިންލެންޑް ހިމެނުނީ ގްރޫޕް ބީގައެވެ. މަޝްހޫރު ނެދަލޭންޑްސް ހިމެނުނީ ޔުކްރޭނާއި އޮސްޓްރިއާއެކު ގްރޫޕް ސީގައެވެ. ސްޕޭން ހިމެނުނީ ޕޮލެންޑާއި ސްވިޑްންއާއެކު ގްރޫޕް އީގައެވެ.