ޚަބަރު

ރަށްރަށަށް ފޯރުކޮށްދޭ ކަރަންޓުގެ %70 ކުރިއަށްއޮތް 3 އަހަރުގެ ތެރޭގައި އިޔާދަކުރަނިވި ހަކަތައަށް


އިޔާދަކުރަނިވި ހަކަތައަށް ހޭދަކުރާ މިންވަރު އަންނަ ޖެނުއަރީމަހުން ފެށިގެން ތިން ގުނައަށްބޮޑުކޮށް، ކުރިއަށް އޮތް ތިން އަހަރުގެތެރޭގައި ރާއްޖޭގެ ގިނަ ރަށްރަށުގައި އިޔާދަކުރަނިވި ހަކަތަ 70 އިންސައްތައަށް ބަދަލުކުރާނެކަމުގެ ޔަޤީންކަން ފެނަކަ ކޯޕަރޭޝަނުންދީފިއެވެ.

ފެނަކަ ކޯޕަރޭޝަނުގެ އިންޖިނިއަރުންގެ މަހާސިންތާފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޞަޢީދު މުޙައްމަދު ވިދާޅުވީ 2004 ވަނަ އަހަރުން ފެށިގެން އިޔާދަކުރަނިވި ހަކަތަ ރާއްޖޭގައި ބޭނުންކުރުމާއި، އެކަމުގެ މުހިއްމުކަމުގެ ވާހަކަ ދައްކަން ފެށި ނަމަވެސް މިހާތަނަށް ޤާއިމްކުރެވިފައިވާ ނެޓްވޯކްތަކުން ލިބެނީ ހަމައެކަނި 16 މެގަވޮޓްކަމަށެވެ. އޭގެތެރޭގައި ފެނަކައިގެ 8 މެގަވޮޓް ހިމެނޭކަން ފާހަގަކުރައްވަމުން އަޙްމަދު ޞަޢީދު މުޙައްމަދު ވިދާޅުވީ އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ތަސައްވުރާއެއްގޮތަށް އެދާއިރާ ފުޅާކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތަކެއް މިހާރު ކުރެވިފައިވާކަމަށެވެ.

"2020 ވަނަ އަހަރުގެ ޖެނުއަރީމަހުން ފެށިގެން އަޅުގަޑުމެން އިޔާދަކުރަނިވި ހަކަތަޔައްކުރާ މިންވަރު 3 ގުނައަށް ބޮޑުކޮށް، ގިނަ ރަށްރަށުގައި 2023 ވަނަ އަހަރުގެ އައުމުގެ ކުރިން 70 އިންސައްތައަށް އިޔާދަކުރަނިވިހަކަތަ ބަދަލުކުރާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން. އެކަމަށް ފަސްނުޖެހި ކުންފުނިން އެކަމުގައި ކުރިއަށްދާނަން" އަޙްމަދު ޞަޢީދު ވިދާޅުވިއެވެ.

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރުގެ ވާހަކަފުޅުގައިވަނީ މިފެށޭ 2020 ވަނަ އަހަރުން ފެށިގެން އެކުންފުނީގެ ޚިދުމަތްތަކަށް އަންނާނެ މުހިއްމު ބައެއް ބަދަލުތައްވެސް ހިއްސާކުރައްވާފައެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ކޮންމެ ދެމަހުން އެއްމަހަކު އައު އިންޖީނުގެތައް ހުޅުވިގެންދާނެކަން އޭނާ ވަނީ ފާހަގަކުރައްވާފައެެވެ. އަދި ގޭގައި ތިބެގެން ކަރަންޓް ބިލް ދެއްކޭނެ އިންތިޒާމާއި، މިހާރު ބޭނުންކުރާ ބިލުގެ ސައިޒު 2020 ވަނަ އަހަރު ފެށުމާއެކު ކުޑަކުރެވިގެންދާނެކަންވެސް ސަޢީދު ފާހަގަކުރެއްވިއެވެ.

ސައީދު ވިދާޅުވީ ކުރިން ފެނަކާއާމެދު މީހުން ދެކޭގޮތް މިހާރު ބަދަލުވެފައިވާކަމަށާއި، މިހާރު އެކުންފުންޏަކީ ކޮރަޕްޝަނުން ސަލާމަތްވެ ފައިދާވަމުން އަންނަ ކުންފުންޏެއްކަމަށެވެ.

ފެނަކައިން އެެކި ރަށްރަށުގައި ހިންގާ ބްރާންޗްތަކުގައި ހަރަކާތްތެރިވާ އިންޖިނިއަރުންނަށް ޚާއްސަކޮށްގެން ފެށި މި މަހާސިންތާގެތެރެއިން މިއަދުވަނީ ބްރާންޗްތަކުގެ އިންޖީނުގެތައް ރިމޯޓްކޮންޓްރޯލްކުރުމުގެ ނިޒާމް އިފްތިތާޙްކޮށްފައެވެ. ރާއްޖޭގެ 154 ރަށެއްގައި ފެނަކައިގެ އިންޖީނުގެތައް އަންނަނީ ހިންގަމުންނެވެ.