ވިޔަފާރި

މޯލްޑިވިއަންއިން މާފަރު އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށައިފި


މޯލްޑިވިއަން އިން މާފަރު އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށައިފިއެވެ.

ނ. މާފަރަށް މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފަށާފައިވަނީ މިއަދު ހެނދުނުއެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަކީ އާބޫދާބީ ފަންޑުން ހަދިޔާކުރި 60 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން މާފަރުގައި ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ. މި އެއަރޕޯޓުގެ ރަންވޭގެ ދިގުމިނުގައި 2200 މީޓަރު އަދި ފުޅާ މިނުގައި 40 މީޓަރު ހުރެއެވެ.

މާފަރު އެއަރޕޯޓަށް މިއަދު ހެނދުނު ދަތުރުތައް ފަށާފައިވީނަމަވެސް ރަސްމީކޮށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރުއެވެ.

މާފަރު ރަންވޭގެ މަސައްކަތް ނިންމައި މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ ތެރޭގައި ޓެސްޓް ފްލައިޓް ވަނީ ޖައްސާފައެވެ. އަދި އިންޓަރނޭޝަލް ދަތުރުތަކަށް ރަންވޭ ޓެސްޓް ކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައި ކުރިއަށްގެންގޮސްފައިވެއެވެ.

މި އެއަރޕޯޓު ތަރައްޤީކޮށްފައިވަނީ ވައިގެ އުދުހުމުގައި ބޭނުންކުރާ އެންމެ ބޮޑެތި މަތިންދާބޯޓުކަމަށްވާ، އޭ ތްރީ އެއިޓީ މަރުކައިގެ މަތިންދާބޯޓު ޖެއްސޭ ފެންވަރަށެވެ. މާފަރު އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމަށް ސަރުކާރުން ދާދިފަހުން ވަނީ ނިންމާފައެވެ. އަދި އެކަމަށް ބޭނުންވާ އީ.އައި.އޭގެ މަސައްކަތްތައް މިހާރު ވަނީ ނިންމާލާފައެވެ. އެއަރޕޯޓުގެ މަސައްކަތް އެންމެ ފުރަތަމަ ފަށާފައިވަނީ 2006 ވަނަ އަހަރުއެވެ.

އެއަރޕޯޓަށް ދަތުުރުތައް ފަށާފައިވީނަމަވެސް އަދި އެއަރޕޯޓު އެއްކޮށް ނުނިމެއެވެ.