ޚަބަރު

ބޯކޮށް ވާރޭވެހި ހދގެ ރަށްރަށުގައި ފެން ބޮޑުވެއްޖެ




ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ބައެއް ރަށްރަށުގައި ފެންބޮޑުވެއްޖެއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފުން ވިދާޅުވީ، ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ.ކުރިނބީ، ހދ. ކުޅުދުއްފުށި އަދި ހދ.ނޮޅިވަރަންފަރުގެ ބައެއް ގެތަކަށް ފެންވަދެ، ބައެއް މަގުތަކުގައި ފެންބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް ނޮދާން އޭރިއާއިން އެހީތެރިކަން ފޯރުކޮށްދެއްމުންދާކަމަށެވެ.

މިހާރު ކުރަމުންދާ ވިއްސާރައާއި އެކު ބޯކޮށް ވާރޭވެހި ކުޅުދުއްފުށީގައިވެސް ވަނީ ފެންބޮޑުވެފައެވެ. އެގޮތުން އާދަޔާއި ޚިލާފަށް ފެންބޮޑުވުމާއި ގުޅިގެން ކުޅުދުއްފުށީ ކައުންސިލުންވަނީ ހޮޓްލައިންއެއް ގާއިމްކޮށްފައެވެ. ފެންބޮޑުވުމާއި ގުޅިގެން އެހީތެރިކަމެއް ބޭނުން ވެއްޖެ ނަމަ ހޮޓްލައިން ނަންބަރު 9498547 އާއި ގުޅުއްވުމަށް ކުޅުދުއްފުށީ ކައުންސިލުން ވަނީ އެދިފައެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވިދާޅުވީ 3 ސަރަޙައްދެއްގައި ޕަންޕް ޖަހައިގެން ފެންހިއްކުމުގެ މަސައްކަތް ކުރަމުންގެންދާކަމަށެވެ. އަދި ބައެއް ސަރަހައްދުތަކުގައި ކޯރުކޮނެގެން ފެންހިންދުމުގެ މަސައްކަތް ކުރަމުންދާއިރު ފެން ބޮޑުވެފައިވާ ސަރަހައްދު ތަކުގެ ގޭގެއަށް ވެލި ބަސްތާ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންގެންދާކަމަށެވެ.

ލަޠީފް ވިދާޅުވީ ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އާއި ރެޑްކްރެންސެންޓް، ސިފައިން، އެސްޓީއޯ، ފުލުހުންނާއި ކައުންސިލް، ޕަބްލިކް ވޯކްސް، ކުޅުދުއްފުށީ އަދި ރަށުގައި ޤާއިމް ވެފައި ހުރި އެހެނިހެން މުއައްސަސާތަކުގެ އެހީތެރިކަން ލިބެމުންދާ ކަމަށެވެ.

ކުޅުދުއްފުށީގެ އިތުރުން ކުރިނބީގައިވެސް ވަނީ ފެންބޮޑުވެ ގޭގެއަށް ފެންވަދެފައެވެ. ގޭގެއަށް އިތުރަށް ފެން ނުވަންނާނެހެން ވެލިބަސްތާ ޖެހާ މިވަގުތަށް ކޮންޓްރޯލް ކުރެވިފައިވާކަމަށް ކުރިނބީ ކައުންސިލްގެ ނައިބް ރައީސް ހާމަކުރެއެވެ.

ނޮޅިވަރަމްފަރު ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ވިދާޅުވީ އެރަށުގެ 50 ގެއަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށެވެ. އަދި އެމް އެން ޑީ އެފް ގެ އެހީތެރިކަމާއެކު ފެން ހިއްކުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށެވެ. އަޙްމަދު ވިދާޅުވީ އެރަށުގެ ނަރުދަމާގެ މައްސަލަ ދިމާވެ ފެންބޮޑުވުމުން ނަޖިސް ބޭރުވެފައިވާކަމަށެވެ.