ޚަބަރު

ތަރައްޤީގެ މަޝްރޫޢުތަކުގެ ފެންވަރު ޔަގީންކުރުމަށް ފަންނީ މުވައްޒަފުންނަށް ނާއިބު ރައީސް ގޮވާލައްވައިފި


ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދަނީ ރައްޔިތުން އެދޭ ރަނގަޅު ފެންވަރުގައިކަން ރަށްރަށުގައި ތިބޭ ފަންނީ މުވައްޒަފުން ޔަޤީންކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.

ނާއިބުރައީސް މިކަމަށް ގޮވާލެއްވީ ފެނަކައިގެ ބްރާންޗްތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންނަށް ޚާއްސަކޮށްގެން މިއަދު ފެށި އިންޖިނިއަރުންގެ މަހާސިންތާ 2019 ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ، ރައްޔިތުންނާއި ގުޅުހުރި މުހިއްމު މަޝްރޫޢުތައް ރަށްރަށުގައި ހިނގާފައިހުރީ ރައްޔިތުންގެ ބަހެއް ނެތި އެކަށީގެންވާގޮތުގައި މޮނިޓަރނުކުރެވިކަމަށާއި، އެގޭނަތީޖާއެއްގެ ގޮތުން އެފަދަ ބައެއް މަސައްކަތްތައް މިހާރު އަލުން ކުރަންޖެހިފައިވާކަމަށެވެ. އަދި މިހާރު ސަރުކާރުން ހިންގާ މަޝްރޫޢުތައް ކުރިއަށްގެންދާނީ ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް ރަނގަޅު ފެންވަރުގައިކަމަށާއި، އެމަސައްކަތްތައް ކުރެވެމުންދާއިރުވެސް ކޮލިޓީ ބަލައި ރަނގަޅަށް މޮނިޓަރ ކުރަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނާއިބް ރައީސް ވިދާޅުވީ ރައްޔިތުންގެ އެތަކެއް އުންމީދުތަކެއް ހާސިލުކުރުމަށްޓަކައި ހޮވާފައިމިވާ އަދުގެ ސަރުކާރުން ހިނގާ މަޝްރޫޢުތަކާއި ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އައުމަކީ ބޭނުންވާގޮތެއްނޫންކަމަށެވެ. އަދި އެފަދަ ކަންކަމަށް ނިމުމެއް ގެނެވިއްޖެކަމަށް ސަރުކާރުން ޤަބޫލުކުރައްވާކަމަށްވެސް ނާއިބު ރައީސް ވިދާޅުވިއެވެ.

"ނަރުދަމާ އެޅުމަށްފަހު ފެންވަރު ދަށްވެގެން އޭގެ ބޭނުން ހެޔޮގޮތުގައި ރައްޔިތުންނަށް ނުހިފިގެން ބޮޑުތަކުލީފަކަށް ބަދަލުވެ، އަނެއްކާވެސް ކުރިން ކުރި ހޭދަ ކުރަންޖެހުމަކީ ރައްޔިތުންނަށް ރަނގަޅު ޚިދުމަތްދިނުމެއް ނޫން. އެއީއެއްނޫން ސަރުކާރުގެ ބޭނުމަކީ. ސަރުކާރުއޮންނަނީ އެފަދަ ކަންކަން ރަނގަޅުގޮތުގައި ސްޓޭންޑަޑްގައި ކުރުމަށް" ނާއިބު ރައީސް ވިދާޅުވިއެވެ.

ސަރުކާރުން އެއްވެސް ރަށެއްގެ ރައްޔިތުންގެ މެދުގައި ތަފާތުކުރުންތަކެއް ނުގެންގުޅުއްވާނެކަމުގެ ޔަޤީންކަން ދެއްވައި ވާހަކަފުޅުދައްކަވަމުން ނާއިބު ރައީސް ވިދާޅުވީ، ފެނަކަ ފަދަ ކުންފުނިތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ވަކި ރަށަކަށް އިހުމާލުވުމާއި، މުވައްޒަފުންނާއި ވަސީލަތްތައް ބޭނުންކޮށްގެން ވަކިކަހަލަ މަސައްކަތްތަކެއް ކުރިން ކުރުވުނުކަމުގައިވީނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވިސްނުން ހުރީ ހަމަހަމަ ކަމާއެކު ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް އެންމެ ހެޔޮގޮތުގައި ފޯރުކޮށް ދިނުމަށްކަމަށެވެ.

ނާއިބް ރައީސް ވަނީ ރައްޔިތުންނަށް ޚިދުމަތްދޭ ފެނަކަ ފަދަ ދައުލަތުގެ ހުރިހާ ކުންފުނިތަކުންވެސް ރައްޔިތުންނަށް ފަހިފާވާގޮތަށް، އިސްރާފު ކުޑަކޮށް އުފެއްދުންތެރި ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށާއި، ކޮރަޕްޝަންފަދަ އަމަލުތަކުން ދުރުހެލިވެތިބުމަށް އިލްތިމާސްކުރައްވާފައެވެ.

"އަޅުގަނޑު މިއަދު ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންނާއި، އަދި ރައްޔިތުންނަށް ޚިދުމަތްދޭ ދައުލަތުގެ ހުރިހާ ކުންފުނިތަކުގެ މުވައްޒަފުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ދަންނަވާލަން އޮތީ ފެށުންވެސް އާވެއްޖެއޭ، އައު އުންމީދުތަކާއެކު ރައްޔިތުން ވަރަށްގިނަ ފޮނި އުންމީދުތަކެއް ކުރަމުންނޭ އަޅުގަނޑުމެންނަށް މިކަންތައްތައް ހަވާލުކުރެއްވީ. އެހެންވީމާ އެއުންމީދުތައް ހަޤީޤަތަކަށް ހެދުމަށްޓަކައި ޚިދުމަތްތައް ރަނގަޅުކޮށް، އިސްރާފުކުރުމުގެ ކަންކަން ހުއްޓާލައި ކޮރަޕްޝަނަށް އަޅުގަނޑުމެން ނޫނެކޭބުނަން އެބަޖެހޭ" ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި ސަރުކާރުން ރާއްޖޭގެ ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާއި ޚާއްސަގޮތެއްގައި ފެނަކަ ކޯޕަރޭޝަނުގެ ޚިދުމަތްތައް ކުރިއަރުވައި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރުރަނގަޅުކުރުމަށް މިހާރުވެސް މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން ރަށްރަށަށް ޖަނަރޭޓަރުތައް ފޮނުވުމާއި، އައު އިންޖީނުގެތައް އެޅުމަށް ކުރަމުންދާ މަސައްކަތްތައް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.