ކުޅިވަރު

ސައުތު އޭޝިއަން ގޭމްސް ފެށުމަށް ކުލަގަދަ ރަސްމިއްޔާތެއް ބާއްވަނީ


ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި މިއަދު ފަށާ ދެކުނު އޭޝިޔާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތްކަމަށްވާ ސައުތު އޭޝިއަން ގޭމްސް ފެށުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ބާއްވަން ނިންމައިފިއެވެ.

ސާކުގެ 7 ޤައުމު ވާދަކުރާ މި ކުޅިވަރު މުބާރާތް، ކަތަމަންޑޫގެ ދަޝްރަތް ސްޓޭޑިއަމުގައި ރަސްމީކޮށް ހުޅުވައިދޭނީ ނޭޕާލްގެ ރައީސް ބިދްޔާ ދާވީ ބަންދާރީއެވެ. މި ރަސްމިއްޔާތުގައި ނޭޕާލުގެ މުއްސަނދި ތާރީޚާއި ސަޤާފަތް ދައްކާލުމާއި ހަވާއެރުވުމުގެ ޙަރަކާތެއްވެސް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. އަދި ލޭޒާ ޝޯއަކާއި އެތްލީޓުންގެ ރަސްމީ ހިނގާލުމުގެ އިތުރަށް ޓޯޗް މާޗެއްވެސް ބާއްވާނެއެވެ.

ނޭޕާލަށް ކުޅިވަރުން ގިނަ ކާމިޔާބީތައް ހޯދައިދީފައިވާ އެތްލީޓުން ލީޑްކުރާ މި ރަސްމިއްޔާތުގައި ގޭމްސްގެ ރަސްމީ ލަވަވެސް އިއްވުން އޮންނާނެއެވެ. ގާތްގަނޑަކަށް 8000 އެތްލީޓުން ބައިވެރިވާ މި ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ޑްރޯން ބޭނުންކޮށްގެން ޑިސްޕްލޭ ޝޯއެއްވެސް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ ނޭޕާލުގައި މި ގޭމްސް ބާއްވާ ތިން ވަނަ ފަހަރެވެ. ކުޅިވަރަށް ބޮޑު ބަޖެޓެއްދީ އެ ޤައުމުން ވަނީ ސްޓޭޑިއަމްތަކާއި ކުޅިވަރު ކުޅޭ މައިދާންތައް ސައުތު އޭޝިއަން ގޭމްސްއަށް ވަރަށް ބޮޑަށް މަރާމާތުވެސް ކޮށްފައެވެ.